ކުޅިވަރު

މެސީ އެންމެ ފަހުން ޗެލްސީ ކޮޅަށް ގޯލު ޖަހައިފި


ކެރިއަރުގައި މިހާތަނަށް ޗެލްސީ ކޮޅަށް ގޯލެއް ނުޖެހި ދިގުދެމިގެންދިޔަ ސިލްސިލާ ބާސެލޯނާގެ ލަޔޮނަލް މެސީ ރޭ ނިމުމަކަށް ގެނެސްފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި މެސީ ލަނޑު ޖެހީ ޗެލްސީ ލަނޑު ޖަހާފައިވަނިކޮށް މެޗުގެ ނަތިޖާ ހަމަހަމަކޮށްދިނުމަށެވެ.

ބާސެލޯނާއަށްވުރެ ރަނގަޅަށް ޗެލްސީ ކުޅުނު މި މެޗުގައި ޗެލްސީގެ ލަނޑު ޖެހީ ބްރެޒިލްގެ ވިލިއަންއެވެ. އޭނާގެ ލަނޑުގެ ކުރިން ގޯލަށް ޖެހި ބާރު ދެ ބޯޅަށް ގޯލުގެ އަރިމަތީ ދަނޑީގައި ވެސް ޖެހުނެވެ. ފުރަތަމަ ހާފުގައި އެޑެން ހަޒާޑަށް ވެސް ރަނުގެ ފުރުސަތެއް ލިބި ފޮނުވާލެވުނީ ހުރަސް ދަނޑި މަތިންނެވެ.

މެސީގެ ގޯލާއެކު މި ދެ ޓީމު އެއްވަރުވުމުން މިވަގުތު އެޑްވާންޓޭޖް އޮތީ ބާސެލޯނާ އަށެވެ. އެއީ ދެ ވަނަ މެޗު ކުޅެން ޖެހެނީ އެ ޓީމުގެ ދަނޑުގައި ކަމަށްވެފައި، އެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިޔަސް ޗެލްސީ ކަޓާނެތީއެވެ. ދެ ގޯލަށްވުރެ ގިނަ ލަނޑު ޖަހައިގެން އެއްވަރުވެއްޖެނަމަ ކަޓާނީ ބާސެލޯނާ އެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އޭނާގެ ކުޅުންތެރިން ތިބީ ޗެލްސީގެ ވިލިއަން ބޭނުން ގޮތަކަށް ޝޫޓް ކުރަން ފުރުސަތު ދީގެން ކަމަށެވެ.

"އަހަރުމެން މާބޮޑަށް އޭނާއަށް ޖާގަ ދިނީ. މިއީ އެމީހުންނަށް ހިތްހަމަޖެހޭ ނަތީޖާއަކަށްވެދާނެ. ރަށުން ބޭރުގައި ގޯލެއް ޖެހުމަކީ އަހަރުމެންނަށް އެޑްވާންޓޭޖަކަށް ވެދާނެ. އެކަމަކު އަހަރެންގެ ނަޒަރުގައި އަހަރުމެން ދެ ވަނަ މެޗުގައި ވަރަށް މަސައްކަތް ކުރަންޖެހޭ،" ކޯޗު ބުންޏެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ކުޅުންތެރިންނަށް މުޅި މެޗުގައި ވެސް ހެދުނީ އެންމެ މިސްޓޭކެއް ކަމަށެވެ.

"އަަހަރެން ނެތިން އެކަމުގައި ކްރިސްޓިއަންސެން ކުށްވެރިކުރާކަަށް. ގޯހެއް ހެދިދާނެ. އެކަމަކު މި ކަހަލަ މެޗެއްގައި ހާއްސަކޮށް މެސީ އާއި ސުއަރޭޒް އަދި އިނިއެސްޓާ ފަދަ ކުޅުންތެރިން ތިއްބާ ހަދާ އެންމެ މިސްޓޭކަކުން ވެސް ނަތީޖާ ގޯސްވާނެ. މި ފަހަރު އެކަން މިއޮތީ ފެނިގެންގޮސްފައި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މެޗުގައި ޗެލްސީގެ ގޭމްޕްލޭނަށް ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި، ދެ ވަނަ ލެގުގައި ވެސް ޓީމެއްގެ ގޮތުގައި ކުޅެ ނަތީޖާ ނެރެންޖެހޭ ކަމަށެވެ.