ކުޅިވަރު

ނޮކްއައުޓް މެޗުތަކަށް މޮރީނިއޯ ވަރެއްނެތް: ސެވިއްޔާ ކޯޗު


ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑްގެ ކޯޗު ހޯސެ މޮރީނިއޯ އަކީ ނޮކްއައުޓް މެޗުތަކަށް އެފަދަ ދެވަނައެއްނެތް މީހެއް ކަމަށް ސެވިއްޔާގެ ކޯޗު ވިންސެންޒޯ މޮންޓެއްޔާ ބުނެފިއެވެ.

އޭނާ ބުނީ ކޮންމެހެން ނަތީޖާ ނެރެންޖެހޭ ނޮކްއަައުޓް މެޗުތަކުގައި މޮރީނިއޯގެ ރޭވުންތެރިކަން ވަރަށް މޮޅު ކަމަށާއި، އިދިކޮޅު ޓީމު އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ހަލާކުކޮށްލާނެ ފޯމިއުލާ އެންމެ ފަސޭހައިން ހޯދާ ކޯޗަކީ މޮރީނިއޯ ކަމަށެވެ.

ކޯޗު ބުނީ މިރޭގެ މެޗުގައި މޮރީނިއޯއަށް ލިބޭނެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ފޯވަޑް އެލެކްސިސް ސަންޗޭޒްކަމަށެވެ. އޭނާ އަށް ރަނގަޅީ ސަންޗޭޒް ކުޅިބަލަން އިނުން ކަމަށެވެ. ސަބަބަކީ ޔުނައިޓެޑްގެ ފޯވަޑް ލައިން ހަލުވިވާތީ ކަމަށެވެ.

"އަހަރެންނަށް އެނގޭ އޭނާ (ސަންޗޭޒް) އިޓާލިއަން ލީގުގައި ކުޅުނުއިރު ވެސް. އެއީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާއާއެކު އެމީހުންގެ އެޓޭކް ވަރަށް ހަލުވި. މިހެންވީމަ އެމީހުންނާމެދު ވަރަށް ފަރުވާތެރިވެގެން މެޗު ކާމިޔާބު ކުރެވޭނީ،" ކޯޗު ބުންޏެވެ.

މެންޗެސްޓާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ފިޓްނަސް ކަމަށާއި، ނަމަވެސް މުހިންމު މެޗުތަކުގައި ކުޅުންތެރިން ކުރާ ހިތްވަރު ފެނިފައި އޭނާގެ ހިތަށް ފިނިކަން ލިބޭ ކަމަށެވެ.

"ޗެމްޕިއަންސް ލީގަކީ ވަރަށް މުހިންމު މުބާރާތެއް. ކޮންމެ ކުޅުންތެރިއަކު ވެސް ކުޅެން ބޭނުންވާ މުބާރާތެއް. މި ޓީމުގައި ތިބި ކޮންމެ ކުޅުންތެރިއަކީ މި މުބާރާތާމެދު ވަރަށް ފޮނި އުއްމީދެއް ކުރާ ކުޅުންތެރިން. އަހަރުމެން މެޗަށް ތައްޔާރު. ސްޕޭނުގައި ކުޅުމަކީ އެހާ ފަސޭހަވެސް ކަމެއްނޫން. އެކަމަކު އަހަރުމެން މެޗަށް ތައްޔާރު،" ރެއަލް މެޑްރިޑުގެ ކުރީގެ ކޯޗު ބުންޏެވެ.

މި ދެ ޓީމު މީގެ ކުރިން އެއްވެސް މުބާރާތެއްގައި ވާދަކޮށްފައިނުވެއެވެ. ނަމަވެސް ސެވިއްޔާ އަކީ ޔޫރޮޕާ ލީގު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ފައިނަލުގައި ލިވަޕޫލް މީގެ ދޮޅު އަހަރު ކުރިން ކަޓުވާލި ޓީމެވެ.