ކުޅިވަރު

ސުއަރޭޒް ހެޓްރިކް ހެދިއިރު ރެއާލް މޮޅުވީ ރޮނާލްޑޯގެ ދެގޯލުން


ޖިރޯނާ ކޮޅަށް ލުއިސް ސުއަރޭޒް ހެދި ހެޓްރިކާއެކު ފަހަތުން އަރާ ބާސެލޯނާ 6-1 ން މޮޅުވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާއެކު އަލަވެސް އަތުން 4-0 ން ރެއާލް މެޑްރިޑް ވެސް މޮޅުވެއްޖެއެވެ.

ސްޕެނިޝް ލީގުގެ ކުރީގައި އޮތް ބާސެލޯނާ މޮޅުކޮށްދޭން ސުއަރޭޒް ހެޓްރިކް ހެދިއިރު، ލަޔޮނަލް މެސީ ދެ ގޯލު ޖެހިއެވެ. އަނެއް ގޯލު ޖެހީ ފިލިޕް ކުޓީނިއޯއެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއްގައި ނުކުޅެހުރި އޮސްމާނޭ ޑެމްބޭލޭ ފުލްކޮށް ކުޅުނު މި މެޗުގައި ފުރަތަމަ ލީޑް ނެގީ ޖިރޯނާއެވެ. އެއީ ތިން ވަނަ މިނިޓްގައި ކްރިސްޓިއަން ޕޯޓޫ ޖެހި ގޯލުންނެވެ. ނަމަވެސް ބާސެލޯނާ ފުރަތަމަ ހާފު ނިންމާލީ ވެސް ހަތަރު ގޯލު ޖަހައިގެންނެވެ.

މި މެޗުގައި މެސީ ގޯލު ޖެހުމުން އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގައި އިދިކޮޅަށް ކުޅުނު ހުރިހާ ޓީމެއްގެ ކޮޅަށް ގޯލުޖެހި ކުޅުންތެރިޔާއަށެވެ. އޭނާ މިހާތަނަށް ލީގުގައި 36 ޓީމާ ދެކޮޅަށް ކުޅެފައިވެއެވެ.

ރެއާލް މެޑްރިޑް މޮޅުވިއިރު ރޮނާލްޑޯ ދެ ގޯލު އަދި ގެރެތް ބޭލް އާއި ޕެނަލްޓީ އަކުން ކަރީމް ބެންޒެމާ ގޯލު ޖެހިއެވެ. މި ނަތީޖާއާއެކު ރެއާލް ތިން ވަނާގައިވަނީ 51 ޕޮއިންޓާއެކުއެވެ. ބާސެލޯނާ އެއްވަނާގައިވަނީ 65 ޕޮއިންޓާއެކުގައެވެ. 55 ޕޮއިންޓާއެކު ދެ ވަނާގައިވަނީ އެތްލެޓިކޯ މެޑްރިޑެވެ.