ކުޅިވަރު

މޯޔޭސް އަނެއްކާ ވެސް ބަލިވެ، ލިވަޕޫލް ދެ ވަނައަށް


ވެސްޓް ހޭމްގެ ކޯޗުކަމުގައި ވެސް ޑޭވިޑް މޯޔޭސް ލިވަޕޫލް އަތްދަށުވިއިރު އިނގިރޭސި ލީގުގެ ދެ ވަނަ އަށް ލިވަޕޫލް ޖެހިލައިފިއެވެ.

އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލް ކާމިޔާބު ކުރީ 4-1 ނެވެ. މި ނަތީޖާއާއެކު ލިވަޕޫލަށް ޓޭބަލުގެ ދެ ވަނަ ލިބެނީ 57 ޕޮއިންޓާއެކުގައެވެ. މި ނަތީޖާގެ ސަބަބުން ލިވަޕޫލްގެ ދަނޑުގައި މޯޔޭސް ވަނީ ހަތަރު ޓީމަކާއެކު ފޭލްވެފައެވެ. އެއީ ވެސްޓްހޭމް އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އެވަޓަން އާއި ސަންޑަލޭންޑްގައެވެ.

މެޗަށް ފަހު އޭނާ ބުނީ ލިވަޕޫލްގެ ދަނޑުގައި ބަލިވުމުގެ ހިތްދަތިކަން ބޮޑު ކަމަށެވެ.

"އަހަރުމެންނަށް އެނގޭ މިތަނުގައި ކުޅުމަކީ ކިހާ އުނދަގޫކަމެއްކަން. އެކަމަކު އަހަރެންނަށް ހީވަނީ ފުރަތަމަ ހާފުގައި އަހަރުމެންނަށް ރަނގަޅަށް ކުޅެވުނުހެން. ލިބުނު ފުރުސަތުތައް ނާކާމިޔާބުވުމުން ޓީމަށް މައްސަލަދިމާވީ. މިއީ ވަރަށް ގޯސް ނަތީޖާއެއް،" 30 ޕޮއިންޓާއެކު 13 ވަނާގައި އޮތް ޓީމުގެ ކޯޗު މޯޔޭސް ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިވަޕޫލްގެ ކުޅުން އޭނާ ހީކުރި ވަރަށްވުރެ މާމޮޅު ކަމަށެވެ.

"ވަރަށް މަދުން މި ފެންވަރުގެ މެޗެއް ފެނިގެންދާނީ. އަހަރުމެން އުއްމީދު ކުރަނީ އަބަދުވެސް މިފެންވަރަށް ކުޅެ، މިހާ ގިނަ ގޯލު ޖަހަން. އެކަމަކު މިއީ އެހާގިނައިން ކުރެވޭ ކަންކަމެއްނޫން. އަހަރުމެން މިވަގުތު މިތިބީ ދެ ވަނާގައި. އެކަމަކު އަހަރުމެން ދެ ވަނާގައި އޮންނާނީ އެހެން ޓީމުތަކުގެ ނަތީޖާއަށް ބަލާފައި،" ކްލޮޕް ބުންޏެވެ.

އޭނާ އިޝާރާތް ކުރީ ތިން ވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑް މިއަދު ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން ދެ ވަނަ ލިބެނެތީ އެކަމަށެވެ. ޔުނައިޓެޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

ކްލޮޕް ބުނީ ލިވަޕޫލަށް ކުރިއަށް އޮތީ ނިއުކާސަލް މެޗު ކަމަށާއި، އެ މެޗަކީ ވަރަށް އުނދަގުވާނެ މެޗެއް ކަަމަށެވެ. އަދި ނިއުކާސަލްއަށް ކޯޗުކޮށްދޭ ލިވަޕޫލްގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު ކަމަށެވެ.