ކްރިސްޓިއާނޯ ރޮނާލްޑޯ އަރާމު ކުރަން ހުއްޓައި އެސްޕަނިޔޯލް އަތުން 1-0 ން ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި އެސްޕަނިޔޯލް އަތުން ރެއާލް ބަލިވި ފުރަތަމަ ފަހަރު ވެސްމެއެވެ. އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މެޗުގައި ގެރާޑް މޮރޭނޯ އެ ޓީމުގެ ގޯލު ޖެހީ އެންމެ ފަހު ވަގުތުއެވެ.
މި ބައްޔާއެކު ރެއާލް އޮތީ ޓޭބަލުގެ ތިން ވަނާގައި 51 ޕޮއިންޓާއެކުގައެވެ. ނަމަވެސް މިއީ އެއްވަނާގައިވާ ވާދަވެރި ބާސެލޯނާ އަށްވުރެ 14 ޕޮއިންޓް މަދު އަދަދެކެވެ. އަދި ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑަށްވުރެ ހަތް ޕޮއިންޓް މަދު އަދަދެކެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަރާމު ކުރުވީ މައިގަނޑު ދެ ސަބަބަކާހުރެ ކަަމަށެވެ.
"ފުރަތަމަ ކަމަކީ އަހަރުމެން ބޭނުން އޭނާ އެންމެ މަތީ ފެންވަރުގައި ހުންނަން. އެކަމަށް އޭނާ އަށް އަރާމު ކުރަން ވަގުތުބޭނުންވޭ. ދެ ވަނަ ކަމަކީ އޭނާ އަކީ މި ސީޒަނަށް ފަހު ވޯލްޑް ކަޕް ވެސް ކުޅެން ޖެހޭ ކުޅުންތެރިއެއް. އެކަމަށް ވެސް އޭނާ ފިޓްވާންޖެހޭ،" ޒިދާން ބުންޏެވެ.
ކޯޗު މިހެމް ބުނިއިރު ރެއާލް އަށް އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި އޮތީ ވަރުގަދަ މެޗެކެވެ. އެއީ ދެ ވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީއާއެކު ކުޅެން ޖެހޭ ފަހު މެޗެވެ. ރޮނާލްޑޯގެ ދެ ގޯލާއެކު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ރެއާލް މޮޅުވީ 3-1 ނެވެ.