މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެޓޭކިން ގޭމެއް ކުޅެފިނަމަ އެ ޓީމުން ގިނަ ގޯލުތަކެއް ޖަހާނެކަމަށާއި، އޭނާ އަކީ އެކަން ނޭނގޭހާ ބޮޑު މޮޔައެއްނޫން ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ ސިޓީ އަތުން 1-0 ން ބަލިވުމުން އޭނާއަށް ކުރިމަތިވި ފާޑުކިއުންތަކާހެދިއެވެ.
"އަހަރެންނަކީ މޮޔައެއްނޫން. އަހަރެންގެ ޓީމު އަހަރެން ރޭވީ އިދިކޮޅު ޓީމަށް ވިސްނާފައި. އަހަރުމެން 4-3-3ގެ ފޯމޭޝަނަށް އެޓޭކިން ގޭމެއް ކުޅުނުނަމަ އެމީހުން އަހަރުމެން ކޮޅަށް 3 ނުވަތަ 4 ގޯލު ޖަހާނެ. އެހާ ތަފާތުބޮޑުކޮށް ބަލިވާކަށް އަހަރެން ބޭނުމެއްނޫން. އެއިރުން އަދި މާބޮޑަށް ފާޑުކިޔާނެ. އަހަރެން ހަނދާން އެބަހުރި މީގެ ދެ އަހަރު ކުރިން އާސެނަލް އެގޮތަށް ކުޅެން ފެށުމުން ސިޓީން ހަތަރު ގޯލު ޖަހައިގެން އެމީހުން ބަލިކުރި ހަނދާން. ކޯޗު އާސެން ވެންގާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވީ އެމެޗުގެ ނަތީޖާ ތަފާތުބޮޑުވުމުން،" ޑިފެންސިވްކޮށް ކުޅުވި މައްސަލާގައި ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ޓީމު ބަލިވުމުން ފާޑުކިއުން އަމާޒުވާނެ ކަމަށާއި، އަދި އެފަދަ ފާޑުކިއުންތައް އޭނާ ބަލައިގަންނަ ކަމަށެވެ. ނަމަވެސް ޓީވީ ކޮމެންޓޭޓަރުންނަށް އޭނާ ވަނީ ފާޑުވެސް ކިޔާފައެވެ.
"އެފަދަ ވާހަކަ ދައްކާ އެނަލިސްޓުން ބޮލެއް އެބަހުރިބާ؟ އެމީހުން ވިސްނާލުން ރަނގަޅު މިގޮތަށް އަހަރެން ކުޅުވައިފިނަމަ ދެން ވާނެގޮތް،" ކޯޗު ބުންޏެވެ.
މި މެޗުން ބަލިވުމުން ޗެލްސީ ވަނީ ހަތަރުވަނާގައިވާ ޓޮޓެންހަމަށްވުރެ ފަސް ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. ޗެލްސީއަށް 53 ޕޮއިންޓް ލިބިފައިވާއިރު ޓޮޓެންހަމް ލިބިފައިވަނީ 58 ޕޮއިންޓެވެ. ސިޓީ އެއްވަނާގައިވަނީ 78 ޕޮއިންޓާއެކުގައެވެ.
މި މޮޅާއެކު ސިޓީ ވަނީ އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ކަމާ ވަރަށް ގާތަށް ދަތުރުކޮށްފައެވެ. ނަމަވެސް ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސީޒަން ނިމޭއިރު 100 ޕޮއިންޓް ހަމަކުރެވެން އޮތް ނަމަވެސް ރެކޯޑް ހަދަން ކުޅެން އޭނާގެ ކުޅުންތެރިންނަށް ވިސްނައި ނުދޭނެ ކަމަށެވެ.