ކުޅިވަރު

މެސީގެ 600 ވަނަ ގޯލާއެކު ބާސެލޯނާ ތަށްޓާ ކައިރިއަށް


ލަޔޮނަލް މެސީ އޭނާގެ ކެރިއަރުގައި ޖެހި 600 ވަނަ ގޯލާއެކު އެތްލެޓިކޯ މެޑްރިޑް 1-0 ން ބަލިކޮށް، ސްޕެނިޝް ލީގުގެ ތަށްޓާ ކައިރިއަށް ބާސެލޯނާ ޖެހިލައިފިއެވެ.

މި މެޗުން މޮޅުވުމުން ދެ ވަނާގައިވާ އެތްލެޓިކޯ އާއި ބާސެލޯނާއާ ދެމެދު އޮތް ފަރަޤު ވަނީ އަށް ޕޮއިންޓަށް ފުޅާވެފައެވެ.

"މި މެޗުން މޮޅުވުމަކީ ހުރިހާ ކަމެއް ނިމުމެއްނޫން. އެކަމަކު މެޗުން މޮޅުވުމުން އަހަރުމެން ތަށްޓާ ކައިރިއަށް ޖެހިލައިފި. ހުރިހާ ކުޅުންތެރިންގެ މަސައްކަތާމެދު ވެސް އަހަރެން މިހުރީ ހިތްހަމަޖެހިފައި. އެތްލެޓިކޯގެ ޑިފެންސް ވަރަށް ވަރުގަދަ. އެމީހުން ކޮޅަށް ގިނަ ގޯލުތަކެއް ޖެހުމަކީ ފަސޭހަކަމެއްނޫން،" މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.

މި މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ 600 ގޯލު ހަމަކުރިއިރު މީގެ ތެރެއިން 42 ގޯލު ޖަހާފައިވަނީ ކުރީގެ ޓީމް މޭޓް ޑެނީ އަލްވެޒް ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ.

މި މެޗުގައި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ވަނީ ފުރަތަމަ 32 މިނިޓަށް ފަހު ލިބުނު އަނިޔަގެ ސަބަބުން ބާލާފައެވެ. އޭނާއަށް ދެން ކުޅެވޭނެ ކަމަށް ބެލެވެނީ ތިނެއް ނުވަތަ ހަތަރު ހަފުތާ ފަހުންނެވެ. 

"އެއްވެސް މީހަކަށް އޭނާގެ މަޤާމު ނުފުރޭނެ ބާސެލޯނާގައި. އޭނާ ނެތި ކުޅެން ޖެހިއްޖެނަމަ އެކަން ވާނީ ވަރަށް ބޮޑު ގެއްލުމަކަށް. އަހަރުމެންނަށް އޭނާގެ އަނިޔާއާ މެދު ވަކި އެއްޗެއް ބުނަން އެނގޭނީ އަދި ފަހުން،" މެޗަށް ފަހު ކޯޗު ބުންޏެވެ.