ކުޅިވަރު

އަހަރެން އުފާވެއްޖެ, ކުޅުންތެރިން ވެސް އުފާވެއްޖެ: މޮރީނިއޯ


މީހުން ދައްކާ ވާހަކައަށް ފަރުވާލެއް ނެތް ކަމަށާއި، މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިންނާއި އޭނާ ވެސް ހުރީ ލިވަޕޫލް އަތުން މޮޅުވުމުން ވަރަށް އުފާވެފައި ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މެޗަށް ފަހު މޮރީނިއޯ މިހެން ބުނީ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ ވަރަށް ޑިފެންސިވް ގޭމެއް ކަމަށް މީޑިޔާތަކުން ބުނަން ފެށުމުންނެވެ. މާކަސް ރަޝްފޯޑްގެ ދެ ގޯލާއެކު 2-1 ން ޔުނައިޓެޑް މޮޅުވި މެޗުގައި ޔުނައިޓެޑުން ބޯޅަ ގެންގުޅެފައިވަނީ އެންމެ 32 ޕަސެންޓްގަ އެވެ. ގޯލާ އަމާޒުކޮށް ފޮނުވާލީ އެންމެ ދެ ބޯޅަ އެވެ.

"މީޑިޔާތަކުން ވަރަށް ފާޑުކިޔާނެ. އެކަމަކު ފާޑުކިޔާ އެންލިސްޓުންނަށް ހައްލެއް ބުނެނުދެވޭ. އަހަރެން އެމީހުން ދައްކާ ވާހަކަ އަޑެއްނާހަން. އަހަރެން މޮޅުވީ. އަހަރެންގެ ކުޅުންތެރިން ތިބީ އުފަލުން. އަހަރެން ވެސް މިހުރީ އުފަލުން. އެނިމުނީ،" ޔާގެން ކްލޮޕް ކޯޗަކަށް ހުއްޓައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިކުރުމަށްފަހު މޮރީނިއޯ ބުންޏެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ ލިވަޕޫލަށްވުރެ ފަސް ޕޮއިންޓް ކުރިއަށް ޖެހި ޓޭބަލުގެ ދެ ވަނާގަ އެވެ. ލިވަޕޫލް އޮތީ ތިން ވަނާގަ އެވެ.

މެޗަށް ފަހު ކޯޗު ޔާގެން ކްލޮޕް ބުނީ ޔުނައިޓެޑް މޮޅުވީ ފުރަތަމަ ހާފުގައި އޭނާގެ ޓީމުން ހެދި ގޯސްތަކުން ކަމަށެވެ.

"އެމީހުން ކުޅުނީ ލޯންގް ބޯލް. ކޮންމެ ފަހަރަކު ވެސް ލުކާކޫއަށް ބޮލުން ޖަހަން ލިބޭއިރު އަހަރުމެންނަށް އެވަރަށް ސަމާލުކަން ނުދެވޭ. އޭނާ ބޮލުންޖަހަން އުޅޭއިރު އެހެން މީހުންނަށް ފުރުސަތު ތަނަވަސްވޭ. އަހަރުމެން މިކަމަށް ނުވިސްނާތިބީ. އޭގެ ސަބަބުން ދެ ގޯލު ވަނީ. މިއީ މައްސަލައަކީ. އަހަރެންނަށް މިކަން ތަފްސީލުކޮށްދޭން ވެސް ނޭނގެ. އެ ދެ ގޯލު ޖެހިއިރު ނަފްސާނީގޮތުން ތިބީ މެޗު ތެރޭގައެއްނޫން. މިއީ ޔުނައިޓެޑް ފަދަ ޓީމަކާއެކު ކުޅެންވީ ގޮތެއްވެސްނޫން،" ކްލޮޕް ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ފުޓްބޯޅައި ގޯލު ޖަހާނީ ކޮންމެވެސް އެއް ޓީމަކުން ގޯސް ހަދައިގެން ކަމަށާއި، ފަހުހާފުގައި އޭނާގެ ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ. އަދި މެޗު ނިމެން 9 މިނިޓަށް ވެފައިވަނިކޮށް މަރައުނޭ ފެލައިނީ ލިވަޕޫލްގެ ސާދިއޯ މާނޭއަށް ކުރި ފައުލަކީ ޕެނަލްޓީ ލިބެންޖެހޭ ފަދަ ފައުލެއް ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އެއީ ޕެނަލްޓީއެއް. އެކަމަކު (ރެފްރީ އަށް) ދޭން ނުފެނުނީމަ އެކަން ނުވެފައި އެއޮތީ. ދެ ވަނަ ހާފުގައި އަަހަރުމެން ކުޅުނީ އަސްލު ޔުނައިޓެޑާއެކު ކުޅެންވީ ގޮތަށް. ފުރަތަމަ ހާފުގައި 2-0 ވި ނަމަވެސް އަހަރެން އުއްމީދު ކުރިން ދެ ވަނަ ހާފުގައި ނަތިޖާ ނެރެން. 45 މިނިޓަކީ ވަރަށް ގިނަ ވަގުތު. އެކަމަކު އަހަރުމެން ބަލިވީ އަމިއްލަ އަށް ހެދި ގޯސްތަކުން،" ކްލޮޕް ބުންޏެވެ.