ކުޅިވަރު

ވެލެންސިޔާ ބަލިކޮށް، މާޒިޔާ ފުރަތަމަ މޮޅު ހޯދައިފި


އެސްޓީއޯ މާލޭ ލީގުގައި އެއް މިނިޓް ތެރޭގައި ޖެހި ދެ ލަނޑުން، ކުލަބް ވެލެންސިޔާ ބަލިކޮށް މާޒިޔާ ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. 

ލީގުގައި މާޒިޔާއިން ފުރަތަމަ ގްރީންއާއި ވާދަކޮށް މެޗް އެއްވަރުވީއިރު، ދެވަނަ މެޗްގައި ނިއުއާއި ވާދަކޮށްވަނީ 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. މިއަދުގެ މެޗް މާޒިޔާ ކާމިޔާބުކުރީ 2-0 ނެވެ. މާޒިޔާއިން ހޯދި ފުރަތަމަ މޮޅާއިއެކު އެޓީމްވަނީ ތާވަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ. މާޒިޔާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ކުލަބް ވެލެންސިޔާއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. 

މެޗްގައި މާޒިޔާއިން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާޢީލް އީސާ އާއި ޔަސްފާދު ހަބީބުއެވެ. މެޗްގެ ދެވަނަ މިނެޓްގައި އިސްމާޢީލް އީސާ އަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ވެލެންސިޔާގެ ކީޕަރު ޖުން ކޮޗީއެވެ. އޭގެ ފަހުން މާޒިޔާގެ ހަސަން ނާއިޒް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މުޅި މެޗަށް ބަލާއިރު ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ މާޒިޔާއިންނެވެ. ކުލަބް ވެލެންސިޔާއަށްވެސް ގޯލް ޖަހާނެ ދެތިން ފުރުސަތެއް ލިބުނެވެ. 

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް ބުނީ މެޗަށް ނިކުތްއިރު މާޒިޔާއަށް ވަރަށް ބޮޑު ޕްރެޝަރެއް އޮތްކަމަށެވެ. ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށާއި، މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށް އިންމަ ބުންޏެވެ.

"ތިން ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަޖެހިފަ މިހާރު މިހުރީ. މިވަގުތަށް އޮތް ޕްރެޝަރު މިކެނޑުނީ. މިއީ އަސްލުގައި ކުޅުންތެރިންނާއި ޓީމްގެ މެނޭޖްމަންޓުން ވަރަށް ބޭނުންވެފައި އޮތް 3 ޕޮއިންޓް. މެޗުން މޮޅުވުމުން ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު އިތުބާރެއް މިހާރުވަނީ ލިބިފަ. ހާއްސަކޮށް މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ފެނިގެންދިޔައީ ވަރަށް އޯގަނައިޒްކޮށް ކުޅެމުންގެސްގެން، މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރިއަށް ހުރި މެޗުތަކުގައިވެސް މިފަދަ ކުޅުމެއް ފެނިގެންދާނެކަމަށް އުއްމީދު ކުރަން." މެޗަށްފަހު އިންމަ ބުންޏެވެ.

ކުލަބް ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު ބުނީ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށާއި، އޭނާގެ ޓީމުގައި ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ނެތްކަމަށެވެ. މިގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށާއި، ކުރިއަށް ހުރި މެޗުތަކުން ޕޮއިންޓް ނެގުން ވަރަށް މުހިންމުކަމަށް ސޮބާ ބުންޏެވެ.

"މާޒިޔާ އަދި ނިއު ރޭޑިއަންޓް ފަދަ ޓީމުތަކާ ވާދަ ނުކުރެވުނަސް، ވެލެންސިޔާއަށް ވާދަކުރެވޭ ފެންވަރުގެ ޓީމުތައް އެބަހުރި. ވާދަކުރެވޭ ޓީމުތައް އަތުން ޕޮއިންޓް ހޯދުން މިހާރު ވަރަށް މުހިންމު. ވެލެންސިއާއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކަށް ބަލާއިރު މިނަތީޖާވެސް ހިތްހަމަޖެހޭ. ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު." ޞޮބާ ބުންޏެވެ.