ކުޅިވަރު

އައިޒޯލް ވަރުގަދަ، އެކަމަކު ނިއުއަށްވުރެ މޮޅެއްނޫން- އޮސްކާ


އައިޒޯލް އެފްސީއާއި ދެކޮޅަށް ނިކުންނައިރު ގިނަ ދުވަސްތަކެއް ވަންދެން އިންޑިޔާގައި މަސައްކަތް ކުރުމުގެ ފައިދާ ކުރާނެކަމަށް ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ ކޯޗް އޮސްކާ ބުރޫޒަން ބުނެފިއެވެ. 

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި މާދާމާ ހަވީރު އިންޑިޔާގެ އައިޒޯލް އެފްސީއާ ވާދަކުރާ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ނިއުގެ ކޯޗް އޮސްކާ ބުރޫޒަން ބުނީ ކުރިން އިންޑިޔާގައި މަސައްކަތްކޮށްފައިވުމުން، އިންޑިޔާގެ ޓީމްތަކާއި އިންޑިޔާގެ ޓީމްތަށް ކުޅޭ ވައްޓަފާޅި ވަރަށް ރަނގަޅަށް އިނގޭކަމަށެވެ. އޮސްކާ ބުނީ ބަނގްލަދޭޝްގެ އަބަހާނީ އަތުން ރަށުން ބޭރުގައި މޮޅުވެފައި އޮތުމުން، މިމެޗަށް ނިކުންނައިރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭކަމަށެވެ. އައިޒޯލްއަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި އެޓީމްގެ ބައެއް ކުޅުންތެރިންގެ ފެންވަރު ވަރަށް ރަނގަޅަށް އިނގޭކަމަށްވެސް އޮސްކާ ބުންޏެވެ. އައިޒޯލް ކިތަންމެ ވަރުގަދަ ނަމަވެސް އައިޒޯލްއަކީ ނިއުއަށް ވުރެ މޮޅު ޓީމެއް ނޫންކަމަށް އޮސްކާ ބުންޏެވެ.

"އިންޑިޔާގެ ޓީމްތައް އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ. މީގެއިން ފައިދާއެއް ނެގިދާނެ. ރާއްޖޭގައި ކުޅޭތީވެސް ނިއުއަށް ފައިދާއެއް ނެގިދާނެ. މިހޫނުގެ ފައިދާ ނިއުއަށް އަސްލުގައި ނެގެން ޖެހޭނެ. އެޓީމްގެ ބައެއް ކުޅުންތެރިން ވަރަށް މޮޅުވާނެ. ނިއުއިން މަސައްކަތް ކުރާނީ ނިއުގެ ޕްލޭނާ އެއް ގޮތަށް މަސައްކަތްކޮށް މެޗު ކާމިޔާބުކުރަން. ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ މެޗުން މޮޅުވެގެން ފައިބަން." ކޯޗު އޮސްކާ ބުންޏެވެ.

ފޯވާޑް އަލީ ފާސިރު ބުނީ މިއީ ވަރަށް މުހިންމު މެޗެއްކަމަށާއި، އަމިއްލަ ފަސް ގަނޑުގައި ކުޅޭއިރު، އަކަމުގެ ފައިދާ ނަގަން ޖެހޭކަމަށެވެ. އަދި ސަޕޯޓަރުންގެ އެހީއާއިއެކު މިއީ މިހާރު ނިއުގައި ތިބި ކުޅުންތެރިންނަށް ނުވާ ވަރުގެ ކަމެއް ނޫންކަމަށްވެސް ފާސިރު ބުންޏެވެ.

"މިއަހަރު ކުޅުންތެރިން މިތީބީ ވަރަށް ގޯގަ. އަމިއްލަ ފަސްގަނޑުގައި ކުޅޭތީ ތިން ޕޮއިންޓް ވަރަށް މުހިންމު. އަބަދުވެސް ސަޕޯޓަރުންނަކީ ވަރަށް މުހިންމުބައެއް. ސަޕޯޓަރުންގެ އެހީއާއިއެކު މިއީ ނުވާވަރުގެ ކަމެއްވެސް ނޫން. އަވޭ މެޗްއިން މޮޅުވެފައި އޮތުމުން އެއީ ލިބޭ ހިންހަމަޖެހުމެއް" ސެންޓޭ ބުންޏެވެ.

މިފަހަރުގެ އޭއެފްސީކަޕްގައި މިއީ އިންޑިޔާގެ އައިޒޯލް އެފްސީގެ ފުރަތަމަ މެޗެވެ. ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ވަނީ ބަނގްލަދޭޝްގެ ޑާކާ އަބަހާނީއާއި ވާދަކޮށް އެއް ލަނޑު ސުން ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ.

އޭއެފްސީކަޕްގައި މާދަމާ ނިއުރޭޑިއަންޓް ކުޅޭ މެޗު ޕީއެސްއެމްގެ ޓީވީއެމްއިންނާއި، ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.