ކުޅިވަރު

އަމިއްލަ ދަނޑުގައި އަޝްފާޤުގެ ފުރަތަމަ ހެޓްރިކް، ސާބަސް!


އަލީ އަޝްފާގް (ދަގަނޑޭ) އިންޑިޔާގެ އައިޒޯލް އެފްސީ ކޮޅަށް ހެދި ހެޓްރިކާއެކު ނިއުރޭޑިއަންޓް ގްރޫޕުގެ ކުރީގައި ހަމަޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ފަހަތުން އަރައި ނިއު މޮޅުވި މެޗުގައި ދަގަނޑޭ ހެދި ހެޓްރިކަކީ އޭޝިޔާގެ ކުލަބު މުބާރާތެއްގައި ގަލޮޅު ރަސްމީ ދަނޑުގައި ދިވެހި ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކެވެ. މީގެ ކުރިން އޭނާ ވަނީ މި މުބާރާތުގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ވެސް ރަށުން ބޭރުގައި ހެޓްރިކަ ހަދާފައެވެ.

މެޗަށް ފަހު އަޝްފާގް ބުނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި އެހާމެ ބޮޑު އިތުބާރެއް ކަމަށެވެ.

އޭނާ ބުނީ މިހާރު ދައްކަމުން މިދަނީ އެންމެ ފުރިހަމަ ކުޅުން ނޫން ކަމަށާއި، މިހާރަށްވުރެ ވެސް އޭނާގެ ކުޅުން ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި މެޗުން މޮޅުވެވުނީ މުޅި ޓީމުގެ މަސައްކަތުން ކަމަށެވެ. ފުރަތަމަ ހާފުގައި އާދައިގެ ކުޅުމެއް ކުޅެވުނު ނަމަވެސް ދެ ވަނަ ހާފުގައި މުޅި ޓީމު ވަރަށް މަސައްކަތް ކުރި ކަމަށެވެ.

" ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ލިބުނީމަ ވަރަށް އުފާވޭ. މިއަށްވުރެވެސް އަދި ރަނގަޅުކުރެވޭނެ " މެޗަށްފަހު ކެޕްޓަން ބުންޏެވެ.

ނިއުގެ ކެޕްޓަން އައިޒޯލް ކޮޅަށް މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނިޓްގައެވެ. ދެ ވަނަ ލަނޑު 77 ވަނަ މިނިޓްގައި ޖެހީ އައިޒޯލްގެ ތިން ޑިފެންޑަރުން ކައިރިން ދެމިގަނެ ބޮލުން ފޮނުވާލި ބޯޅައަކުންނެވެ. އޭގެ ކުރިން އޭނާ ބޮލުން ޖެހި ބޯޅައެއް ގޯލް ދަނޑީގައި ޖެހިފައި ނުކުމެފައިވާއިރު ދަގަނޑޭ ހެޓްރިކް ހެދީ މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލަށް ފޮނުވާލައިގެންނެވެ. 

މިމޮޅާއެކު ދެމެޗުވެސް ކާމިޔާބުކޮށް ނިއު ގްރޫޕްގެ އެއްވަނާގައި އޮތީ ހަ ޕޮއިންޓާއެކުއެވެ.