ކުޅިވަރު

ކީޕަރު ޗެކަށް، ވެންގާގެ ރޮޓޭޓިން ޕޮލިސީ ކަމަކުނުދިޔަ


އާސެނަލްގެ ކޯޗު އާސެން ވެންގާ ކީޕަރުން ރޮޓޭޓް ކުރުމަށް ގެންގުޅޭ ޕޮލިސީއާމެދު އެއްވަނަ ކީޕަރު ޕީޓަރ ޗެކް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އޭނާގެ ކުރީގެ ކުލަބު ޗެލްސީ އާއި ލެސްޓާ ސިޓީ އެފްއޭކަޕުގައި ރޭ ކުޅުނު މެޗަށް އިންސާފުކޮށްދެމުން ޗެކް ބުނީ ވަކިވަކި މުބާރާތްތަކުގައި ތަފާތު ކީޕަރުން ލައްވައި ކުޅުވުމަކީ އޭނާ ހިތްހަމަޖެހޭ ކަމެއްނޫން ކަމަށެވެ.

"އަހަރެން ނޭދެން ލީގުގައި ވަކި ކީޕަރަކު ކުޅެފަ، ކަޕުގައި ވަކި ކީޕަރަކު ކުޅޭކަށް. އަހަރެން ބޭނުންވަނީ މުބާރާތަށް ކީޕަރު ނެގުމުގެ ބަދަލކުގައި މެޗަށް ކީޕަރު ނަގަން. ކީޕަރު ރަނގަޅަށް ކުޅެކުޅެހުރެމެ އަދި އޭނާ އަރާމު ކުރަން ބޭނުންނުވެ ހުއްޓާ އެހެން މުބާރާތެއްގައި ޓީމު ކުޅެން ޖެހުމުން ރެސްޓް ކުރަން ޖެހުމަކީ އަހަރެން ގަޔާވާ ގޮތެއްނޫން،" 10 އަހަރު ޗެލްސީގެ އެއްވަނަ ކީޕަރުކަން ކުރި ޗެކް ބުންޏެވެ.

އާސެނަލްގެ ކޯޗު ވެންގާ އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅުވަނީ ޗެކް ލައްވައެވެ. އެފްއޭކަޕާއި ޔޫރޮޕާ ލީގުގައި ކުޅުވަނީ ޑޭވިޑް އޮސްޕިނާ ލައްވައެވެ.

ޗެކް ބުނީ އޭނާ އަށް މިގޮތް ކަމުނުދިޔަ ނަމަވެސް ކޯޗުގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށެވެ.

"އަހަރެންނަށް ކަމުނުދަންޏާ އަހަރެން ޖެހޭނީ ރީތިކޮށް ކޯޗުގާތުގައި އެވާހަކަ ބުނަން. ކޯޗު އެންމެ ފަހުގެ ގޮތް ނިންމާނީ. އެއީ އެކަން އޮންނަންޖެހޭ ގޮތަކީ،" ޗެކް ބުންޏެވެ.

ވެންގާ ބުނީ ތަފާތު މުބާރާތްތަކުގައި ތަފާތު ދެ ކީޕަރުން ލައްވައި ކުޅުވަނީ އެއް ފެންވަރެއްގެ ދެ ކީޕަރުން ޓީމުގައި ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

އާސެނަލް އަށް ކާމިޔާބު ނުލިބޭތީވެ ވެންގާ މަގާމުން ވަކިކުރަން ކުރީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދަނީ ވަރަށް ބޮޑު ކެމްޕޭނެއް ކުރަމުންނެވެ. މިކަމުގެ ނޭދެވޭ އަސަރު ކުޅުންތެރިންނަށް ކުރޭތޯ އެހުމުން ޗެކް ބުނީ އެކަމާމެދު ވިސްނާ ކުޅުންތެރިންނަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށާއި އޭނާ އެކަމާ ނުވިސްނާ ކަމަށެވެ.