ކުޅިވަރު

27 ސްކޫލާއެކު އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި


ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެންމެ ގިނަ ސްކޫލްތަކުން ބައިވެރިވި އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް މިއަދު ފަށައިފިއެވެ. 

މިއަދު ފެށި އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި 27 ސްކޫލްއަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އަތޮޅު ތަކުގެ 12 ސްކޫލް ހިމެނެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ގިނަ ސްކޫލްތަކެއް ހިމެނެއެވެ. އަދި މުޅިން އަލަށް ތިން ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްއާއި، އއ.އުކުޅަސް ސްކޫލް އަދި ލ.އަތޮޅު މާމެންދޫ ސްކޫލެވެ. 

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިފްޝާން މުހައްމަދު ބުނީ އެހެން އަހަރުތަކަށް ވުރެ މިއަހަރު އިންޓަރ ސްކޫލް މުބާރާތުގައި ބައިވެރިވި ސްކޫލްތަކުގެ އަދަދު އިތުރުވީ އެސޯސިއޭޝަނުން އަތޮޅު ތަކުގައި ބެޑްމުންޓަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ސަބަބުންކަމަށެވެ. އަދި މިހާރު ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުގައި ރަނގަޅު ފެންވަރުގެ ބެޑްމިންޓަން ކޯޓްތައް ހަދާ، އެތަންތާނގައި ވަރަށް ގިނަ މުބާރާތްތައް ކުރިއަށްދާކަމަށް އިފްޝާން މުހައްމަދު ބުންޏެވެ.

"އާންމު ގޮތެއްގައި އަތޮޅު ތަކުގެ ސްކޫލްތަކުން އޯޕަން އިވެންޓް ތަކުގައި ބައިވެރިވަނީ މަދުން. ނަމަވެސް މިއަހަރު އޯޕަން އިވެންޓްތަކުގައިވެސް އަތޮޅު ތަކުން ބައިވެރިވޭ. މިއަހަރު އަލަށް ކުޅުދުއްފުށިންވެސް އޯޕަން އިވެންޓްގައި ބައިވެރިވޭ. މިފަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި ބައިވެރި ސްކޫލްތަކުގެ އަދަދު އިތުރުވީ މިހާރު އަތޮޅު ތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން. މިކަމުން އަސްލު އެނގިގެންދަނީ އަތޮޅު ތަކުގައި ކުރެވުނު މަސައްކަތްތައް ވަރަށް ކާމިޔާބުކަން. އޭގެ ނަތީޖާ މިފެންނަނީ އަސްލުގައި." އިފްޝާން ބުންޏެވެ.

މެދު ކެނޑުމެއްނެތި 15 އަހަރު އިންޓަރ ސްކޫލް މުބާރާތް ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ އަހަރު މިމުބާރާތް ނުބޭއްވުނީ ރާއްޖޭގައި ފެތުރުނު އެޗްވަންއެން ވައިރަސްގެ ސަބަބުންނެވެ.