މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް ވެންހާލްއަށް ގޯލްކީޕަރުންނާ ބެހޭ ގޮތުން ފާޑުނުކިޔޭނެ ކަމަށް ޗެލްސީ އާއި ބެލްޖިއަމްގެ ޤައުމީ ކީޕަރު ތިބައޫ ކޯޓުއާ ބުނެފިއެވެ.
އޭނާ މިހެން ބުނީ އެންމެ ފަހުން ކުޅުނު ދެ ތިން މެޗެއްގައި ކޯޓުއާގެ ފަރާތުން ފެނުނު ކުޅުމަށް ވެންހާލް ފާޑުކިއުމުންނެވެ.
"އަހަރެން ހައިރާންވޭ ތާކުންތާކު ނުޖެހޭ މެޗު އެނަލިސްޓުން ގޯލްކީޕަރުންނަށް ފާޑުކިޔާތީވެ. ހާއްސަކޮށް ގޯލްކީޕަރުކަން ނޭނގޭ މީހަކަށް ކީޕަރުންނަށް ފާޑެއް ނުކިޔޭނެ. މިސާލަކަށް ބުނަންޏާ ވެންހާލްއަށް ކީޕަރުންނަށް ފާޑެއް ނުކިޔޭނެ. އޭނާ އަށް ކީޕަރުކަމެއް ނޭނގޭނެ،" ކޯޓުއާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެ ޗެލްސީ ބަލިވި މެޗުގައި ކޯޓުއާ ބަލަހައްޓަމުން ދިޔަ ގޯލަށް އާދައިގެ ދެ ގޯލު ލަޔޮނަލް މެސީ ޖެހުމުން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. އެ މެޗަށް ފަހު ކޯޓުއާވެސް ވަނީ އޭނާގެ ފަރާތުން ބޮޑެތި ގޯސްތަކެއް ހެދުނު ކަމަށް ބުނެފައެވެ.
އޭނާ ބުނީ އަންނަ ސީޒަނުގައި ވެސް ފެނިގެންދާނީ ޗެލްސީން ކަމަށެވެ. އޭނާ މިހެން ބުނި ނަމަވެސް ކޮންޓްރެކްޓް ހަމަވާން ބާކީ އަހަރެއް އޮތްއިރު ކޯޓުއާ ސްޕޭނުގެ ރެއާލް މެޑްރިޑަށް ހިނގައިދާނެ ކަމުގެ ވާހަކަތައް ވަނީ ގަދަވެފައެވެ. ނަމަވެސް އޭނާ ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ދާން ބޭނުންވަނީ ވަރަށް ރަނގަޅު ފޯމުގައި ހުރެ ކަމަށާއި، އޭނާއަށް މިހާރު ވެސް މޮޅު ކުޅުމެއް ދެއްކޭކަމަށް ޤަބޫލުކުރާ ކަމަށެވެ.