މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގައި ހުރި ބޭރު ފައިސާގެ ރިޒާވާއި ޖުމްލަ ފައިސާގެ ރިޒާވް އިތުރުވެފައިވާކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މިދިޔަ ފެބްރުއަރީ މަހުގެ އިޤްތިޞާދީ ރިވިއުގައިވާގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި ހުރީ 625.9 މިލިއަން ޔޫއެސް ޑޮލަރެވެ.
އަހަރުން އަހަރަށް ބަލާއިރު މިއީ %31 އިތުރުއަދަދެކެވެ. އަދި މަހުން މަހަށް ބަލާއިރު މިއީ %7 އިތުރު އަދަދެކެވެ. މި މުއްދަތުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 205.6 މިލިއަން ޔޫއެސް ޑޮލަރެވެ. ޔޫޒަބަލް ރިޒާވްއަކީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތައް އެމްއެމްއޭއިން ބޭނުންކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.
މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު، ރާއްޖޭގެ އިޤްތިޞާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދަކީ 33.0 ބިލިއަން ރުފިޔާއެވެ. އަހަރުން އަހަރަށް ބަލާއިރު ޖުމްލަ ފައިސާގެ އަދަދު ވަނީ %9 އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ނެޓް ފޮރިން އެސެޓްސް އިތުރުވެގެން ދިޔުންކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަހަރުން އަހަރަށް ބަލާއިރު، ބޭންކިން ނިޒާމްގެ ނެޓް ފޮރިން އެސެޓްސް މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ރާއްޖެއިން ބޭރުގައި ހުރި އެމްއެމްއޭގެ ރިޒާވްސްގެ މިންވަރު އިތުރުވުމާއި އަދި އެމްއެމްއޭގެ ފޮރިން ލައިބިލިޓީސް ދަށްވުމުންނެވެ. ބޭންކިން ނިޒާމްގެ ނެޓް ޑޮމެސްޓިކް އެސެޓްސް ދަށްވެފައިވަނީ އެމްއެމްއޭގެ ނެޓް ޑޮމެސްޓިކް އެސެޓްސް ދަށްވުމާ ގުޅިގެންކަމަށް އިޤްތިޞާދީ ރިވިއުގައި ބުނެއެވެ. ނަމަވެސް، ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ބޭންކުތަކުގެ ޑޮމެސްޓިކް އެސެޓްސް ވަނީ ފެބްރުއަރީމަހު އިތުރުވެފައެވެ.