ކުޅިވަރު

ޔުވެންޓަސްއަށް ވުރެ ރެއާލް މެޑްރިޑް ވަރުގަދަ: ބުފޮން


އިޓަލީގެ ޔުވެންޓަސް އަށްވުރެ ހުރިހާ ގޮތަކުން ވެސް ސްޕޭނުގެ ރެއާލް މެޑްރިޑަކީ ވަރުގަދަ ޓީމެއް ކަމަށް ޔުވެންޓަސް އާއި އިޓަލީގެ ޤައުމީ ކީޕަރު ޖިއާން ލުއިޖީ ބުފަން ބުނެފި އެވެ.
ޗެމްޕިއަންސް ލީގު ތަށި މި ސީޒަނުގައި އުފުލާލުގެ އުއްމީދުގައި ހުރި ކީޕަރު މިހެން ބުނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި މި ދެ ޓީމު މާދަމާރޭ ކުޅެން ޖެހޭ މެޗުގެ ކުރިންނެވެ.

"އެމީހުންނަކީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން. އަދި ތަޖުރިބާ އަށް ބަލާއިރު ވެސް އެމީހުންގެ ތަޖުރިބާ ބޮޑު. މޮޅު ކުޅުންތެރިން ވަރަށް ގިނަ ޓީމެއް އެއީ. މޮޅު ކޯޗެއް ހުރީ. މިހުރިހާ ގޮތަކުން ބަލާއިރު ވެސް މި މެޗުގެ ފެވްރިޓުންނަކީ ރެއާލް މެޑްރިޑް،" ބުފަން ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ނަތީޖާ ރަނގަޅު ކުރަންޖެހޭ ކަމަށާއި އެކަން ކުރެވިއްޖެނަމަ ރެއާލް މެޑްރިޑް މުބާރާތުން ކަޓުވާލުމަކީ ނުވާވަރުގެ ކަމެއްނޫން ކަމަށެވެ.

"މިވަގުތު އަހަރުމެން އޮތީ ވަރަށް ފޯމުގައި. އަހަރުމެން އެމީހުން އަތުން ބަލިވެއްޖެ ކުރީ އަހަރުގައިވެސް. އަބަދު އެއްބަޔަކު ބަލިވުމަކީ ފުޓްބޯޅައިގެ އުސޫލެއްނޫން. މަސައްކަތް ކުރާ ބަޔަކަށް ކާމިޔާބު ލިބޭނީ. ޔުވެންޓަސް އޮތީ ވަރަށް ވަރުގަދަ އަޒުމެއްގައި،" ބުފަން ބުންޏެވެ.