ކުޅިވަރު

އަގުއެރޯ އަށް ލިވަޕޫލް މެޗު ގެއްލިއްޖެ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޔޫރަޕުގެ މުބާރާތެއްގައި ސިޓީ އާއި ލިވަޕޫލް ވާދަކުރާ ނޮކްއައުޓް ފުރަތަމަ މެޗުގައި އަގުއެރޯއަށް ނުކުޅެވެނީ ކަކުލަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުނުވާތީ ކަމަށެވެ. މި އަނިޔާގެ ސަބަބުން ސިޓީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް އަގުއެރޯ އިނީ ކުޅިބަލާށެވެ.
މި މެޗަށް ނުކުންނައިރު ލިވަޕޫލްގެ ކަންބޮޑުވުން އޮތީ އެމީހުންގެ ޑިފެންސް ލައިނާ މެދުގައެވެ. ޖޮއެލް މަޓިޕާއި ރަގްނާ ކްލާވަން އަދި ޖޯ ގޮމޭޒަށް ވަނީ ހާނިއްކަވެފައެވެ.
މިރޭގެ މެޗާ ގުޅޭ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ލިވަޕޫލް ކުއާޓާ ފައިނަލަށް އައީ އޮޅުމެއްގެ ތެރެއިން ނޫން ކަމަށެވެ.

"މިއީ ޔޫރަޕުގެ ބޮޑު ކުލަބުތަކުގެ ތެރެއިން ދެ ޓީމެއް ކުޅޭ މުހިންމު މެޗެއް. ސިޓީ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެމީހުންނަށް އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހައްޤު. އަހަރުމެން ސިޓީ މީގެ ދެތިން މަސް ކުރިން ބަލިކުރިން. އަހަރުމެންނަށް އެނގޭ އަހަރުމެންގެ ހުނަރާއި މަސައްކަތުގެ ރޭޓް ބޭނުންކޮށްގެން މި މެޗު ކާމިޔާބު ކުރެވޭނެ ކަން،" އިނގިރޭސި ލީގުގައި ތަފާތު ބޮޑުކޮށް ކުރީގައި އޮތް ސިޓީއާ ބެހޭ ގޮތުން ތިން ވަނާގައިވާ ލިވަޕޫލްގެ ކޯޗު ކްލޮޕް ބުންޏެވެ.

މިހާތަނަށް ސްޕޭނުގެ ބާސެލޯނާގައި ހުރެ ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލިވަޕޫލަކީ ވަރަށް ފަރުވާތެރިވާންޖެހޭ ޓީމެއް ކަމަށެވެ.