ޚަބަރު

ދިއްދޫ ގިރާ ސަރަހައްދުގައި ތޮށިލުމަށް އެމްޓީސީސީއާއި ހަވާލްކޮށްފި





 


ތިލަދުންމަތީ އުތުރުބުރި ދިއްދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެގޮތުން އެސަރަހައްދުގައި ތޮށިލުމަށް އެމްޓީސީސީއާއި ހަވާލްކޮށްފިއެވެ.


 
މި މަޝްރޫއުގެ ދަށުން ދިއްދޫ ހުޅަނގު ދެކުނުފަރާތުގައި ސަތޭކަ އަށްޑިހަ ފަސް މީޓަރުގެ ތޮއްޓެއްލެވޭނެއެވެ. ނުވައެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލްކުރި މިޝްރޫއު ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.


 
އެއްބަސްވުމުގައި ސޮއިކުރުމަށްމިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރުއްވީއެކުންފުނި ވަގުތީ ގޮތުން ހިންގުމާއި ހަވާލްވެހުންނެވި ހަސަން ސާލިމްއެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިގް އިބްރާހިމްއެވެ.


 
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އެމްބީސީ ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ދިއްދޫ ގިރާ ސަރަހައްދު އެއްކޮށް ތޮށިނުލެވުނު ނަމަވެސް އެންމެ ބޮޑަށް ގެއްލުން ލިބޭ ސަރަހައްދުގައި ތޮށިލެވޭނެކަމަށެވެ. އަދި މާދުރުނޫން މުސްތަގުބަލެއްގައި ދިއްދޫ ހުޅަނގު ދެކުނު ސަރަހައްދު އެއްކޮށް ތޮށިލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
މިނިސްޓަރ މުއިއްޒު ވިދާޅުވީ، ޖުމްލަ ނުވައެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާގެ އެ މަޝްރޫއަށް ހޭދަވިނަމަވެސް މިއަހަރުގެ ބަޖެޓުން އެމްޓީސީސީއަށް ދިނުމަށް ހަމަޖެހިފައިވަނީ ތިނެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާކަމަށެވެ.  އަދި ބާކީ ފައިސާ ހަވާލުކުރެވޭނީ އަންނަ އަހަރުގެ ބަޖެޓްގައި އެބައި ހިމަނައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
 


ދިއްދޫއަކީ 2010 ވަނަ އަހަރުން ފެށިގެން ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެއް.ދިއްދޫ ކައުންސިލުން ބުނެފައިވަނީ މިހާތަނަށް 300 ވަރަކަށް ފޫޓް އެރަށުން ގިރާފައިވާކަމަށެވެ.