މޯލްޑިވްސް އެޗް.އާރު ފޯރަމްގައި ރާއްޖެއާ ބޭރުގެ ހިއުމަން ރިސޯސް ދާއިރާގެ ގިނަ ތަޖުރިބާކާރުންތަކެއް ބައިވެރިވާނެކަމަށް މިފޯރަމް އިންތިޒާމް ކުރާ ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީއިން ބުނެފިއެވެ.
ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ، ސީއެމްއޭއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ. މިފޯރަމަކީ ރާއްޖޭގެ އެޗްއާރު ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، މިދާއިރާ އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދާއިރާގެ ތަޖުރިބާކާރުން އެއްފުރާޅެއްގެ ދަށަށް ގެނެސް މަޝްވަރާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ފޯރަމެއްކަމަށް ސީއެމްއޭއިން ބުނެއެވެ. މިފޯރަމްގައި 233 ބައިވެރިން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާކަމަށް ސީއެމްއޭގެ މެނޭޖިން ޑިރެކްޓަރ އިލްޔާސް ހަނީފު ވިދާޅުވިއެވެ.
"މިފޯރަމްތަކުގެ އަމާޒަކީ އެކި ޕްރޮފެޝަންތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އެބޭފުޅުން އެއްތަނަކަށް އައިސް، އެބޭފުޅުންގެ ނޮލެޖާ، އެބޭފުޅުން މަސައްކަތްކުރައްވާ އެކި ތަންތަނުގައި ކުރެވޭ ތަޖުރިބާތައް އެއްބަޔަކު އަނެއްބަޔަކާ ހިއްސާކޮށް، އެބޭފުޅުންގެ ޕްރޮފެޝަނަލް ނެޓްވޯކް ބިނާކުރުމަށް އެހީތެރިވުން. ރާއްޖެއާ ރާއްޖޭން ބޭރުގެ ހިއުމަން ރިސޯސް ދާއިރާގެ ފުންނާބުއުސް ފަރާތްތަކުން މިފޯރަމްގައި ބައިވެރިވާނެ. މީގެތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ އަދި ކެނެޑާގެ ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ" ހަނީފު ވިދާޅުވިއެވެ.
މިފޯރަމް އެންޑޯސްކޮށްފައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސްއިން އެގްޒެކެޓިވް ސެކްރެޓަރީ ޢަލީ އާދަމް ވިދާޅުވީ މިފޯރަމްގައި ވީހާވެސް ގިނަ މީހުން ބައިވެރިކުރުމަށް ސީއެމްއޭއަށް އެހީތެރިވެދޭނެކަމަށެވެ. އަދި މިއީ އެޗްއާރު ދާއިރާ ހަރުދަނާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ފޯރަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"މިފޯރަމްގައި އަޅުގަނޑުމެންގެ ދައުރަކީ އެޗްއާރު ދާއިރާގެ ވީހާވެސް ގިނަ ފަރާތްތަކެއް މިފޯރަމްގައި ބައިވެރިކުރުން. އެގޮތުން ރާއްޖޭގައި އުޅޭ އެޗްއާރު ޕްރޮފެޝަނަލްސްއަށް މިފޯރަމްގެ މައުލޫމަތުދިނުން. އަދި މިފޯރަމް ކުރިޔަށް ގެންދިއުމަށް ސީއެމްއޭއަށް ބޭނުންވާ ސަޕޯޓް ހޯދައިދިނުން." ޢަލީ އާދަމް ވިދާޅުވިއެވެ.
ސީއެމްއޭގެ ފަރާތުންދަނީ ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ހާޢްސަކޮށް މިފަދަ ފޯރަމްތައް ރާވާ ހިންގަމުންނެވެ.