އިންޑިޔާގެ ބެންގަލޫރު އެފްސީ އަތުން މޮޅުވުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ރަނގަޅު ފެށުމެއްކަމަށް ނިއުއަށް ކުޅެމުން އަންނަ ޤައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ބުނެފިއެވެ.
އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ބަނގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އަކުރަމް ބުނީ އެންމެ ފަހުން ބެންގަލޫ އަތުން ލިބުނު މޮޅަކީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމައްޓަކައި ލިބުނު ފުރުސަތެއްކަމަށާއި، އެނަތީޖާގެ ސަބަބުން ދިވެހި ފުޓްބޯޅަ ރަނގަޅުވަމުން އަންނަ ކަމުގެ ވިސްނުން އެންމެންވެސް ގެންގުޅެން ޖެހޭކަމަށެވެ.
އަކުރަމް ބުނީ އަބަދުވެސް ދައްކަމުން އަންނަނީ ބެންގަލޫރު އަތުން ރާއްޖޭގެ ޓީމަކަށް މޮޅެއް ނުލިބޭ ވާހަކަ ކަމަށާއި، އެކަން ބަދަލުކުރެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށެވެ. ރަނގަޅުވާން ދުވަސް ނަގާނެކަމަށާއި، އެހެންނަމެވެސް ރާއްޖެއަށް އެއްކަމެއް ހާސިލްވެއްޖެކަން އަކްރަމް ފާހަގަކުރިއެވެ. އޭނާ ފާހަގަކުރީ ފެށުން ރަނގަޅުވެއްޖެކަމަށެވެ. އަކްރަމް ބުނީ އަމާޒަކީ ކުރިއަށްހުރި ދުވަސްތަކުގައިވެސް ސަރަހައްދީ ޓީމްތަކާ ދެކޮޅަށް ކުޅެ ރަނގަޅު ކާމިޔާބެއް ހޯދުންކަމަށެވެ. އެންމެފަހުން ބެންގަލޫރާ ދެކޮޅަށް ނުކުތީ ދެ ލަނޑު ސުން ލަނޑުން މޮޅުވާން ކަމަށާއި، ކުރިއަށް އޮތް މެޗުގައި މަސައްކަތް ކުރާނީ ލިބޭ ފުރުސަތުގެ ބޭނުންހިފަން ކަމަށް 2013 ވަނަ އަހަރު ނިއުއާއެކު އޭއެފްސީކަޕުގެ ކުއާޓަރ ފައިނަލު ކުޅުނު ކުޅުންތެރިޔާ ބުންޏެވެ. އަކުރަމް ބުނީ މެޗު ފަސޭހަވެގެން ދާނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކަމަށާއި، މިމެޗުގައި ބޮޑަށް ބަލާނީ ވީހާވެސް އަވަހަކަށް ގޯލެއް ޖެހުމަށްކަމަށެވެ.
" ވަރަށް ރަނގަޅަށް ތައްޔާރުވެފަ ޓީމް އޮތީ. އަޅުގަނޑު ބުނާނީ ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފަންޖެހެޔޭ. ކުރިން މެޗުގައި ނުކުތީ ދެ ލަނޑު ސުން ލަނޑުން މޮޅުވާން. މިމެޗުގައި މަސައްކަތް ކުރާނީ ލިބޭ ޗާންސްތައް ބޭނުންކުރަން." އަކްރަމް ބުންޏެވެ
މެޗާ ކުރިމަތަލާއިރު ހެޑް ޓު ހެޑުން މިވަގުތު ގުރޫޕް ލީޑް ކުރަމުންދަނީ ނިއުރޭޑިއަންޓަށެވެ.