ވޯލްޑް ކަޕަށްދާ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ދޭންވީ ޓޮޓެންހަމުގެ ފޯވަޑް ހެރީކޭން އަށް ކަމަށް ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.
ޤައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލަމްޕާޑު ބުނީ ކޭންއަށް ކެޕްޓަންކަން ދޭންވީ އިނގިރޭސި ޓީމުގައި ހުރި ދުނިޔޭގެ ފެންވަރުގެ ތަރިއަކީ އޭނާ ކަމަށްވާތީ ކަމަށެވެ.
"އޭނާ އެ ދައްކައިދެނީ ކުލަބުގައި އޭނާއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްކަން. އޭނާ އެކުރާ ކަންތައްތައް ދަނޑުމަތީގައި ކުރެވޭނީ ވަރަށް މަދު ފޯވަޑަކަށް. މިދިޔަ ތިން ސީޒަނަށް ބަލާއިރު ވެސް އޭނާ ފަދަ އެހެން ކުޅުންތެރިއަކު އިނގިރޭސި ޓީމުގައި ނެތް،" ޗެލްސީ އާއި މެންޗެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
ލަމްޕާޑު ބުނީ އިނގިރޭސި ކޯޗު ގެރެތް ސައުތު ގޭޓް ކޮންމެ ކުޅުންތެރިއަކަށް ކެޕްޓަންކަން ދިން ނަމަވެސް އެކަމާ ޝަކުވާއެއް ނެތް ކަމަށެވެ.
އިނގިރޭސި ކެޕްޓަންކަން ދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ ކުޅުންތެރިންނަކީ ކޭން އާއި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ކުރީގެ ކެޕްޓަން ވޭން ރޫނީ ކުޅުން ހުއްޓާލި ފަހުން ދާއިމީ ކެޕްޓަނަކު ހަމަޖައްސަންދެން މިހާތަނަށް ގައުމީ ޓީމުގެ ބޭންޑް އަޅަމުން އައިސްފައިވަނީ މި ދެ ކުޅުންތެރިންނެވެ.