އިނގިރޭސި ގައުމީ ޓީމަށް އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ކެޕްޓަން ހެރީކޭން ބުނެފިއެވެ.
ޓީމުގެ ކެޕްޓަންކަމާ ހަވާލުވުމަށްފަހު މީޑިޔާއާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ކޭން ބުނީ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށާއި އެ މުބާރާތް ކާމިޔާބު ކުރުމަށް އުއްމީދު ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.
"އަހަރުމެން ގަބޫލު ކުރާ ގޮތުގައި ވޯލްޑް ކަޕް އަހަރުމެންނަށް ކާމިޔާބު ނުކުރެވެންވީ ސަބަބެއްނެތް. އަހަރުމެން ތިބެން ޖެހޭނީ އެ އުއްމީދުގައި. އެއީ އަހަރުމެންނަށް ކުރެވޭނެ ކަމެއް. ތައްޓަށް އަހަރުމެން ވާދަކުރާނެ. އަހަރުމެން ހުރިހާ ކުޅުންތެރިން ވެސް ތިބީ މި އުއްމީދުގައި،" ކޭން ބުންޏެވެ.
މިދިޔަ ސީޒަނުގައި އެކަނި ވެސް 41 ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ ބުނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭނެ ކަމަށް ކުރިން އެކަކު ވެސް ގަބޫލު ނުކުރާ ކަމަށާއި މިހެންވެ އެއްވެސް ކަމެއް ނުވާނެ ކަމަށް އުއްމީދު ނުކުރުމަށެވެ.
"އެލެކްސް ފާގަސަން ޕްރެމިއާ ލީގު ޑޮމިނޭޓްކޮށްފާނެ ކަމަށް އެކަކު ވެސް ކުރިން ހީނުކުރާނެ. އެކަމަކު އެކަންވެއްޖެ. އަހަރުމެން ތިބެން ޖެހޭނީ އަބަދުވެސް އުއްމީދުގައި،" ކޭން ބުންޏެވެ.
އޭނާ ބުނީ އިނގިރޭސި ކެޕްޓަންކަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މިއީ އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުން ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. (ކޯޗު) ގެރެތް ސައުތްގޭޓާ އަހަންނާ މީގެ ހަފުތާތަކެއް ކުރިން ބައްދަލުވި. އޭނާ ބުނި އަހަރެން ގާތުގައި އޭނާ އެދެނީ އަހަރެން ކެޕްޓަންކަން ކުރުމަށޭ. އަހަރެން މިކަމާ ވަރަށް އުފާވި،" ކޭން ބުންޏެވެ.
ކޯޗު ސައުތްގޭޓް ބުނީ ކޭން އަކީ އަބަދުވެސް ޓީމު ލީޑްކުރާ މީހެއް ކަމަށާއި އޭނާގެ ކެޕްޓަންވާންވާނީ ކޮންމެ ދުވަހަކު ވެސް ޓީމު ގޮވައިގެން އެއް މިސްރާބަކަށް ދަތުރުކުރާނެ މީހަކަށް ކަމަށެވެ. ކޭން އަށް ކެޕްޓަންކަން މިދިނީ އިނގިރޭސި ކުރީގެ ތަރިން ވެސް ޓޮޓެންހަމުގެ ފޯވަޑަށް ކެޕްޓަން ބޭންޑް ދިނުމަށް ގޮވާލާފައިވަނިކޮށެވެ.
ކުރީގެ ގިނަ ކުޅުންތެރިން ދެކޭ ގޮތުގައި ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް އިނގިރޭސި ޓީމުގައި ހުރި ކުޅުންތެރިއަކީ ކޭން އެވެ.
އިނގިރޭސިން ވަނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު 1990ގެ ފަހުން އެ ޓީމު ސެމީ ފައިނަލާ ހަމައަށް ވެސް ނުދެއެވެ.