ބްރެޒިލްގެ ނޭމާ އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ޖަހާ ކޮންމެ ގޯލަކާއެކު 10،000 ކުދިންނަށް ހިލޭ ކެއުން ހަމަޖައްސައިދޭން މަޝްހޫރު މާސްޓަ ކާޑުން ނިންމައިފިއެވެ.
މާސްޓަ ކާޑަކީ 2012 ވަނަ އަހަރުން ފެށިގެން ބްރެޒިލް ޓީމުގެ މައި ސްޕޮންސަރެވެ. ނަމަވެސް މާސްޓަ ކާޑުގެ މި ނިންމުމަށް ބްރެޒިލްގެ ކޯޗު ޓިޓޭ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އޭނާ ބުނީ ދަރުމަ އަށް މަސައްކަތް ކުރުމަކީ ވަރަށް މަތިވެރި ކަމެއް ކަމަށާއި، ނަމަވެސް ޓީމެއްގެ ގޮތުގައި ބްރެޒިލް ޓީމު މަސައްކަތް ކުރާއިރު ވަކި ކުޅުންތެރިއަކު ޖަހާ ގޯލަކުން މިފަދަ ކަމެއް ކުރަން ނިންމުމަކީ ރަނގަޅު ގޮތެއްނޫން ކަމަށެވެ.
"މިއީ އަހަރެންގެ ހިޔާލު. އަހަރުމެން މަސައްކަތް މިކުރަނީ ޓީމެއްގެ ގޮތުގައި. މީގެ ސަބަބުން ޓީމަށް ވާނެ ފައިދާއެއްނެތް. އެއީ އަހަރެންގެ ޕޮއިންޓަކީ،" ކޯޗު ބުންޏެވެ.
ނަމަވެސް މި ޕްރޮގްރާމާއެކު ކުރިއަށް ދިއުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބްރެޒިލާ ވާދަވެރި އާޖެންޓީނާގެ މެސީ ވަނީ ބުނެފައެވެ.
މި މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލް މިރޭ ބައްދަލުކުރާނީ ކްރޮއޭޝިޔާއާ އެވެ. އިނގިރޭސި ވިލާތުގެ ލިވަޕޫލްގައި ކުޅޭ މި މެޗުގައި ނޭމާ މެޗު ފަށާނީ ބެންޗުން ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ. އެއީ މީގެ ތިން މަސް ކުރިން ފަޔަށް ލިބުނު އަނިޔާ މުޅިން ރަނގަޅުނުވާތީއެވެ.
ބްރެޒިލް ޓީމުގެ ކުރި މި މެޗުގައި ބަލަހައްޓާނީ ބާސެލޯނާގެ ފިލިޕް ކުޓީނިއޯ އާއި ޗެލްސީގެ ވިލިއަން އަދި މެންޗެސްޓާ ސިޓީގެ ގަބްރިއަލް ޖެސޫސެވެ.