އުރުދުންގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ހާނީ އަލް މުލްކީ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މުލްކީ އިސްތިއުފާދެއްވީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
މުލްކީ މަޤާމުން އިސްތިއުފާ ދެއްވުމާއެކު އަބްދުﷲ ރަސްގެފާނު ވަނީ، ބޮޑުވަޒީރުކަމަށް އުމަރުއް ރަޒާޒު އިޚްތިޔާރުކުރައްވައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރަޒާޒާ ހަވާލުކުރައްވާފައެވެ. އިސްތިއުފާ ދެއްވި ބޮޑުވަޒީރު ހާނީ އަލްމުލްގީގެ ސަރުކާރުން ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގެ ސިޔާސަތެއް ތަޢާރަފުކޮށް، އުރުދުންގެ ގާނޫނު ހަދާ މަޖިލީހަށް އިންކަމް ޓެކްސް ނެގުމުގެ ބިލެއް ހުށަހެޅުމާއެކު ރައްޔިތުން މަގުތަކަށް ނިކުމެ، ފުޅާދާއިރާއެއްގައި ދަނީ މުޒާހަރާކުރަމުންނެވެ.
ރައްޔިތުން އެދެމުންދިޔައީވެސް އެ ބިލް އަނބުރައި ގެނެސް ބޮޑުވަޒީރު މުލްގީ އިސްތިއުފާ ދެއްވުމަށެވެ. އަދި މިހާރުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައި، އުރުދުންގެ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީގެ މައްޗަށް ބިނާވެފައިވާ ބަރުލަމާނީ ދަސްތޫރީ ނިޒާމަކަށް ބަދަލުކުރުމަށްވެސް ރައްޔިތުން ގެންދަނީ ގޮވާލަމުންނެވެ.
އުރުދުނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށްޓަކައި އިސްތިޢުފާ ދެއްވި ބޮޑުވަޒީރުގެ ސަރުކާރުން ވަނީ، ދައުލަތުގެ ޚަރަދު ކުޑަކޮށް، ސަބްސިޑީތައް ކަނޑާލައި، ރައްޔިތުންގެ އަތުން އިންކަމް ޓެކްސް ނެގުމުގެ ސިޔާސަތެއް އެކަށައަޅާފައެވެ. އެހެންނަމަވެސް ރައްޔިތުންގެ އިޙްތިޖާޖުތަކާ ގުޅިގެން މި ސިޔާސަތު ބަދަލުކުރަން ޢަބްދުﷲ ރަސްގެފާނަށް ޖެހިވަޑައިގަތުން އެކަށީގެންވާކަމަށް މުރާސިލުން ބުނެއެވެ.