ދަރިވަރުންގެ މަޢުލޫމާތު އެކުލެވޭ ޑޭޓާ ބޭސް ބޭނުންކޮށްގެން ފުރަތަމަފަހަރަށް ރާއްޖޭގައި ރިޕޯޓު ފޯމު ދީފިއެވެ. މި ސިސްޓަމް ބޭނުންކުރާ ވިއްސަށްވުރެ ގިނަ ޤައުމުގެ ތެރެއިން ރާއްޖެވެފައިވަނީ އެންމެ ފުރަތަމަ މިޑޭޓާބޭސް ބޭނުންކޮށްގެން ރިޕޯޓު ފޯމުދިން ޤައުމަށެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު އަލަށް މިއަހަރުފެށި އެއް މަސައްކަތަކީ ވަކި ޚާއްސަ ޑޭޓާ ބޭސްއެއް މެދުވެރިކޮށް ދަރިވަރުންގެ މަޢުލޫމާތު އެއްތަންކުރުމުގެ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ދަރިވަރުން ސްކޫލަށް ހާޒިރުވާ ގަޑިތަކާއި ދަރިވަރުގެ ތަޢުލީމީ ފެންވަރާއި ހޯދިފައިވާ ކާމިޔާބީތައް ވަރަށް ރަނގަޅަށް ބަލަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީމްސް ޑޭޓާބޭސް ރާއްޖެއަށް ތަޢާރަފްކުރުމަށްފަހު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ހޯދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ މިއަހަރުގެ ފުރަތަމަ ޓާމްގެ ރިޕޯޓު ފޯމް މި ޑޭޓާބޭސް ބޭނުންކޮށްގެން ތައްޔާރުކުރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަދި ރާއްޖެއަކީ މިޑޭޓާބެށް ބޭނުންކުރާ ޤައުމުތަކުގެތެރެއިން އެންމެ ފުރަތަމަ މިޑޭޓާބޭސްގެތެރެއިން ރިޕޯޓު ފޯމް ތައްޔާރުކުރި ޤައުމުކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ. މީމްސް އާގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު އެތައް ޝަކުވާތައްވަނީ ފާއިތުވި ދުވަސްތަކުގައި ޢާއްމުވެފައެވެ. އަދި މިޑޭޓާބޭސް ބޭނުންކޮށްގެން ރިޕޯޓު ފޯމު ދެވޭނެކަމާމެދުވެސް ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ ޑޭޓާބޭސް ގެ ސައިޓު ލޯޑުވުމުގައި ދަތިތަކެއް ހުރެގެން ޓީޗަރުންގެ ޝަކުވާ އައިސްފައިވާކަމަށާ އެކަން އެގޮތަށް މެދުވެރިވީ އެއްފަހަރާ ގިނަ ޢަދަދެއްގެ ބަޔަކު ޑޭޓާބޭސްއަށް ވަނުމަށް މަސައްކަތްކުރުމުންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. އަދި އެމައްސަލަ ޙައްލުކޮށް ރިޕޯޓު ފޯމު ދިނުމުގެ ހުރިހާކަމެއް ކޮށްފައިވަނީ މީމިސްގެ ތެރެއިންކަމަށް އެމިނިސްޓްރީން ބުނެއެވެ. މީމިސްގެ ފާހަގަކޮށްލެވޭ ކާމިޔާބީ ނޫސްވެރިންނާ ޙިއްސާކުރައްވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ މީމިސްގެ ސަބަބުން އާމަންހަޖު ތަންފީޒުކުރުމަށް ބޮޑެތި ފަސޭހަތަކެއް ވެފައިވާކަމަށެވެ. އަދި މި ނިޒާމަށް ޓީޗަރުންނާއި އެނޫންވެސް ފަރާތްތައް އަހުލުވެރިކުރުމުގެ މަސައްކަތް މިހާރުވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.
މީމިސް މެދުވެރިކޮށް ފުރަތަމަ ޓާމްގެ ރިޕޯޓު ފޯމު ދީފައިވަނީ ގްރޭޑް އެކަކާ ގްރޭޑް ހައެއްގެ ކްލާސްތަކަށްކަމަށާއި ދެވަނަ ޓާމްގެ ރިޕޯޓު ފޯމު ދޭންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ރިޕޯޓު ފޯމުވެސް ތައްޔާރުކުރާނީ މީމިސް މެދުވެރިކޮށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީމިސްއަކީ ދުނިޔޭގެ ކުރިއަރާފައިވާ ވިއްސަށްވުރެ ގިނަ ޤައުމުގައި ދަރިވަރުންގެ މަޢުލޫމާތު ރައްކާކުރުމަށް ބޭނުންކުރާ ނިޒާމެކެވެ. ސާޅީހަށްވުރެ ގިނަ އަހަރުވެފައިވާ މި ނިޒާމުގެ ތެރެއިން ކުދިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މީމިސް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެކި އަތޮޅުތަކުގައި ތަމްރީންކުރެވިފައިވާ މީހުން ތިބޭނެކަމަށާއި މިނިޒާމަށް ހަތަރުހާހަށްވުރެ ގިނަ ޓީޗަރުން އަހުލުވެރިކުރުވުމަށް ތަމްރީންކޮށްފައިވާކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.