އިކޯ ޓޫރިޒަމަށް ޚާއްސަކޮށްގެން ފުވައްމުލައް ސިޓީގައި ހަދަމުންދާ ނޭޗަރ ޕާރކް ހުޅުވަން ތައްޔާރުވަމުންދާކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގައި ފުވައްމުލައް ސިޓީގެ ޗަސް ބިން ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް އެކަމަށް ބޭނުންވާ ކަންކަން ހަަމަޖެއްސުން ހިމެނެއެވެ.
ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަން އޮފިސަރ ޢަލީ ޝާމިން ވިދާޅުވީ، ބަންޑާރަ ކިޅީގައި ޕްލެޓްފޯމް ހަދާ ނިމި، އެތަނަށް މީހުންނަށް ފަސޭހައިން ވަދޭވެނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށު ދަނޑިމަގި ކިޅީގައި ޕްލެޓް ފޯމް ހަދާ ނިމި، އޮފީސް އިމާރާތުގެ މަސައްކުގެ ވެސް ބޮޑު ބައި ނިމިފައިވާ ކަމަށް ޝާމިން ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ، ނޭޗަރ ޕާރކް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ނުނިމި ހުރި މަސައްކަތްތައްވެސް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި ނާޗަރ ޕާރކާ ގުޅޭ ގޮތުން ހަދަންޖެހޭ ޤަވާއިދު ހަދާ ނިމި މިހާރު ގެޒެޓްކުރަން ފޮނުވާފައިވާ ކަމަށްވެސް ޝާމިން ވިދާޅުވިއެވެ.
ފުވައްމަލަކު ދަނޑިމަގި ކިޅީގައި ހަދާ ރެކްރިއޭޝަން ފެސިލިޓޭޝަން ޤާއިމްކުރެވުމުން، ކުޅީގައި ބައިސްކަލް ދުއްްވުމާއި، ޕެޑަލް ރައިޑިންގ ފަދަ ޙަރަކާތްތަށް ހިންގުމަށް ހަމަޖެހިފައިވެއެވެ.
ނޭޗަރ ޕާރކް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ އީދިގަލި ކިޅީގައި ހަދާ ވިޒިޓާރސް ސެންޓަރުގެ މަސައްކަތްވެސް ވަނީ ނިމުމަމާ ގާތްވެފައެވެ.
4.2 މިލިއަން ޑޮލަރުގެ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްްޓްގެ ދަށުން ތިން އަހަރު ދުވަހުގެ ތެރޭގައި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ޙިމާޔަތްކޮށްފައިވާ ކިޅިއާއި ޗަަސްބިން ސަރަޙައްދުން އިޤްތިސާދީ މަންފާ ހޯދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މިދެއަތޮޅުގެ ޑައިވް ސެންޓަރުތަކާއި ގުޅިގެން، އެޞަރަޙައްދުގެ ފަރުތަކުގެ ޙާލަތު ދެނެގަތުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގާ، މިކަމުން ލިބޭ މަޢުލޫމާތުގެ އަލީގައި ފަރުތައް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ކުނި އެންމެ ރައްކާތެރި ގޮތުގައި މެނޭޖް ކުރުންވެސް މި ޕްރޮޖެކްޓް ތެރޭގައި ހިމެނެއެވެ.
ފުވައްމަލައް ސިޓީ އާއި އައްޑޫ ސިޓީގައި ނޭޗަރ ޕާރކް ތަރައްޤީކޮށް ނިމުމުން، މިދެރަށުގެ ޤުދުރަތީ ރީތިކަން ކުރިއަށްވުރެ ބޮޑަށް އިސްތިޙާރުވެރ، އެތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެއެވެ.