ޚަބަރު

ބްރިޖާ ގުޅޭ މަގުތައް ހަދަން 140 އަށް ވުރެ ގިނަ ޤައިދީން ނެރެފި



މާލެ ހުޅުމާލެ ބްރިޖާ ގުޅިގެން މާލޭގެ ރިންގ ރޯޑް ހެދުމުގެ މަސައްކަތުގައި ޤައިދީން ބައިވެރިކުރުމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއެކު ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން ބްރިޖާ ގުޅިގެން މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގައި 140 އަށްވުރެ ގިނަ ޤައިދީން މަސައްކަތްކުރާނެކަމަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވަރކްސް ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު ޝިހާނެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖާ ގުޅިގެން މާލޭގެ ރިންގ ރޯޑް ހެދުމުގެ މަސައްކަތް ނިމެންދެން އެ މަސައްކަތުގައި ޤައިދީން ޙަރަކާތްތެރިވާނެ ކަމަށާއި މިހާތަނަށް އެމީހުން ކުރ މަސައްކަތްތަކަށް ބަލާއިރު ފެންވަރު ރަގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރ މުއިއްޒު ފާހަގަކުރެއްވިއެވެ.

މަގު ހެދުމުގެ މަސައްކަތުގައި ޤައިދީން ޙަރަކާތެރިވަމުން އަންނަނީ މި މަހުގެ 10 ވަނަދުވަހުން ފެށިގެންނެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު ޝިހާން ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތަށް ނެރެފައިވާ ޤައިދީންނަކީ އަޚުލާޤު ރަނގަޅު ޤައިދީން ކަމަށާއި އެއްވެސް މައްސަލައެއްގައި މަރުގެ ހުކުމެއް އިއްވާފައިވާ އެއްވެސް ޤައިދީއަކު މި ޕްރޮގްރާމްގައި ބައިވެރިކޮށްފައި ނުވާކަމަށެވެ.

މިމަސައްކަތުން ޤައިދީއަކަށް ދުވާލަކު 80 ރުފިޔާ ލިބޭނެ ކަމަށާއި މިއީ ޖަލުގައި މަސައްކަތްކޮށްގެން ލިބޭ އާމުދަނީއަށް ވުރެ 33 އިންސައްތަ އިތުރު އަދަދެއްކަން ޝިޙާން ފާހަގަކުރެއްވިއެވެ. މަގު ހެދުމުގެ މަސައްކަތުގައި ޤައިދީން އުޅޭއިރު، އެމީހުންގެ ސަލާމަތާއި ޢާންމުންގެ ސަލާމަތަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ކަރެކްޝަނަލަށް ސަރވިސް އިން ބުނެއެވެ.
ޖަލުގައި ތިބި ޤައިދީންނަކީ، އަޚްލާޤް ރަނގަޅު މުޖުތަމައަށް ފައިދާ ކުރާނެ ބަޔަކަށް ހަދައި އެމީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދިނުމަށް ސަރުކާރުން އަންނަނީ ތަފާތު ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުންނެވެ. މިއީވެސް އެފަދަ ޕްރޮގްރާމެއް ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް. ތިލަފުށީގައިވެސް ޤައިދީން އަންނަނީ މިފަދަ މަސައްކަތްތައް ކުރަމުންނެވެ.