އޮޑިޓަރުންނަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2018" ލޯންޗްކޮށްފިއެވެ. ޕީއެސްއެމް ސްޓޫޑިއޯގައި އޮތް ރަސްމިއްޔާތެއްގައި މި ފޯރަމް ލޯންޗްކޮށްދެއްވީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތުއެވެ. ފޯރަމް ލޯންޗްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަ އެކައުންޓެންޓުންނާއި އޮޑިޓަރުންނަށް އަމާޒުކޮށް ބާއްވާ މިމަހާސިންތާގައި ފަންނީ އަދި ބިޒްނަސް ކޮމިއުނިޓީގެ ފަހުގެ މަޢުލޫމާތާއި ޓެކްނިކަލް ދާއިރަގެ ތަޖުރިބާކާރުންނާއި ރެގިއުލޭޓަރުންގެ ފަރާތުން މުހިއްމު މަޢުލޫމާތު ލިބިގެންދާނެކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ފޯރަމްވެސް ކާމިޔާބު ވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
މި ފޯރަމުގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ މި ފޯރަމްގެ މީޑިއާ ޕާޓްނަރުކަން ލިބިގެންދިޔުމަކީ ޝަރަފެއްކަމަށެވެ. އަދި ދައުލަތުގެ މުވައްސަސާތަކުން ބާއްވާ މިފަދަ ޙަރަކާތްތަކަށް ޕީއެސްއެމުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން ދެމުން ގެންދާނެކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
އެކައުންޓެންޓްސް ފޯރަމް 2018" ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ފޯރަމްގެ މިދިޔަ އަހަރުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުން ޕީއެސްއެމް މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންވަނީ ހަނދާނީ ފިލައެއް ދީފައެވެ. މިހަނދާނީ ފިލައާއި ޕީއެސްއެމްގެ ފަރާތުން ޙަވާލުވެވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފުއެވެ.
"އެޑިން ވެލިއުސް އެންޑް އިމްޕެކްޓިންގ ލައިވްސް" ތީމްގެ ދަށުން ކުރިއަށްގެންދާ އެކައުންޓްސް ފޯރަމުގައި މަޢުލޫމާތު ދޭނީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓިންގ(އައި.ފެކް)ގެ ނައިބު ރައީސްކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެއެވެ. އައި.ފެކްއަކީ ދުނިޔޭގެ ގައުމުތައް ބައިވެރިވާ އެކައުންޓިންގއާއި އޮޑިޓިންގގެ މައި އިދާރާއެވެ. މިފޯރަމް ބޭއްވުމަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ފުރަތަމަ ހަފްތާތެރޭގައެވެ.