ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވުމުން، ވެލެންސިޔާ ދެވަނަ ޑިވިޝަނަށް ވެއްޓިދާނެކަމުގެ ބިރު ކުރިމަތިވެއްޖެއެވެ.
39 އަހަރުވީ ކާމިޔާބު ކްލަބް ފުރަތަމަ ޑިވިޝަންގައި ދެމި އޮތުމަށް ކުޅުނު ޕްލޭއޯފްގެ ފުރަތަމަ ލެގުގެ މެޗުން މިއަދު ބަލިވީ 2-0 ނެވެ. މާލޭ ލީގު ކޮލިފިކޭޝަންގެ ފުރަތަމަ ލެގުގައި މިއަދު ޔުނައިޓެޑް ވިކްޓްރީގެ ދެ ލަނޑު ޖަހައިދިނީ އަލީ ހައިޝަމްއާއި، ރަފީނިއާއެވެ. ބްރެޒިލްގެ ރަފީނިއާ ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މެޗު ނިމެން މިނިޓަކަށްވެފައިވަނިކޮށެވެ. މެޗްގެ ފަހު މިނެޓްގެ ތެރޭގައިވެސް ކުލަބް ވެލެންސިޔާއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބުނެވެ. މެޗަށްފަހު ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗަށް ނިކުތީވެސް ވަރަށް ޔަޤީންކަމާއެކު ކަމަށެވެ.
"ދެ ގޯލްގެ ތަފާތުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ. މެޗަށް ނިކުތްއިރުވެސް މޮޅު ވެވޭނެކަން އިނގޭ. އެއީ ލީގުގެ އެންމެ ފަހު މެޗްތަކުގައި ޔޫވީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމު ސަބަބުން. މެޗުގައި ވަރަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ. އޭގެއިން އެންމެ ދެ ފުރުސަތު މިބޭނުން ކުރެވުނީ. އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ތެރެއިން ގިނަ ހަމަލާތަށް ގޯލާ ސީދާ ނުކުރެވުނު މައްސަލަ. މޮޅުވެފައި އޮތްކަމުގައި ވީނަމަވެސް، ދެވަނަ ލެގަށް ނިކުންނާނީ ތިން ޕޮއިންޓަށް. މިމެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން." ނަޒީހު ބުންޏެވެ.
ކުލަބް ވެލެންސިޔާގެ ކޯޗު ޞޮބާހު މުހައްމަދު ބުނީ މިމެޗުން ބަލިވުމުން، ދެވަނަ ލެގުގެ މެޗުގެ މުހިންމުކަން އިތުރަށް ބޮޑުވެގެން ގޮސްފައިވާކަމަށެވެ. މެޗުގައި ގޯލް ޖެހުމަށް ފުރުސަތު ލިބިގެންދިޔަނަމަވެސް، މެޗުން ބަލިވުމުގައި މިއަދު ނަސީބު އެހީ ނުވީކަމަށް ސޮބާ ބުންޏެވެ.
" މެޗުން ބަލިވިނަމަވެސް ޔޫވީއަށްވުރެ ގިނަ ފުރުސަތު ލިބުނީ ވެލެންސިޔާއަށް. ގިނަ ހަމަލާތަކެއް ދަނޑީގައިވެސް ޖެހުނު. އަދި ހުސްކޮށް ލިބުނު ފުރުސަތުތައް ފޮނުވާލެވުނީ ޔޫވީގެ ކީޕަރާއި ދިމާލަށް. މިއަދު މެޗުގައި ނަސީބުވެސް އެހީނުވީ. ދެވަނަ ލެގަށް ނިކުންނައިރު ވަރަށް ބޮޑު އުއްމީދެއް އެބައޮތް. މިއަދުގެ މެޗުގައި ޓީމް ވަރަށް ރަނގަޅަށް ކުޅުނު، ހަމަ މިކުޅުން ދެވަނަ މެޗުގައި ދެއްކިޖެނަމަ އަދި ގޯލާ ގިނަ ހަމަލާތައް ސީދާ ކޮށްލެވިއްޖެނަމަ ވެލެންސިޔާ ފައިބާނީ މެޗުން މޮޅުވެގެން " ޞޮބާ ބުންޏެވެ.
ކޮލިފިކޭޝަންގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.