ކުޅިވަރު

ފޯކައިދޫ އަތުން ގްރީނަށް ފަހު ވަގުތު ޕޮއިންޓެއް!


ފޯކައިދޫ މޮޅުވާން ދަނިކޮށް ގްރީން ސްޓްރީޓްއިން ފަހު ވަގުތު ޕޮއިންޓެއް ހޯދައިފިއެވެ. ދިރާގު ދިވެހި ޕްރިމިއާރ ލީގުގައި ފޯކައިދޫ އާއި ގްރީ ސްޓްރީޓް ވާދަކުރި މެޗް އެއްވަރުވީ އެކެއް އެކެއްގެ ނަތީޖާއަކުންނެވެ.

ދެ ޓީމްއަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު މިމެޗްގައި އެންމެ ފުރަތަމަ ލީޑްނަގާ ކުރި ހޯދީ ފޯކައިދޫންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުސްތަފާ މުހައްމަދެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި މުސްތާފާ ކާމިޔާބުކުރި މިގޯލްއާއި އެކު ފުރަތަމަ ހާފް ފޯކައިދޫ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެވަނަ ހާފްގައި ގްރީނުންވަނީ ގިނަ ހަމަލާތަކެއް އުފައްދާ ފޯކައިދޫގެ ގޯލަށް ނުރައްކާކޮށްފައެވެ. ގްރީނުން ފޮނުވާލި ގިނަ ހަމަލާތަކެއް ފޯކައިދޫގެ ކީޕަރު ދިފާޢުކުރިއެވެ. މެޗްގެ ދެވަނަ ހާފްގައި ފޯކައިދޫ ޓީމަށްވެސް ލީޑް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ. މެޗުން ގްރީނަށް ޕޮއިންޓެއް އަބްދުލް މިސްބާޙު ޖަހައިދިން ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގެ ތެރޭގައެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ގްރީންގެ ކޯޗް އަލީ ސުޒޭން ބުނީ މެޗުން ފަހު ވަގުތު އެއްވަރުވުމުން ހިތްހަމަޖެހޭކަމަށެވެ. ނަމަވެސް މެޗްގައި ގްރީންގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭކަމަށް ސުޒޭން ބުންޏެވެ.

"މިއީ ވަރަށް އާދައިގެ ކުޅުމެއް ގްރީންގެ ފަރާތުން ފެނުނު ދުވަހެއް. ލީގްގައި ކުރިއަށް ދާންބޭނުންވާނަމަ، އެބަޖެހޭ މިނިވަން ޗެންޕިއަންޝިޕްގެ ޓީމްތަކުން ތިން ޕޮއިންޓް ހޯދަން. މިއަދުގެ މެޗްގައި ގްރީންގެ ކުޅުންތެރިންގެ ކުޅުން އެއްވެސް ވަރަކަށް ބަލައެއް ނުގަނެވޭނެ. މިއަށް ވުރެއް އެބަޖެހޭ ކުޅުންތެރިންވެސް ވިސްނަން. ވަރަށް ގިނަ ކަންތަށްތަށް އެބަޖެހޭ ރަގަނޅު ކުރަން." ސުޒޭން ބުންޏެވެ.

ށ.ފޯކައިދޫ ޓީމްގެ ކޯޗް އަލީ ނިޝްތާރު ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭކަމަށެވެ. އަދި ހާއްސަކޮށް ގްރީން ކަހަލަ ޓީމެއް އަތުން ތިން ޕޮއިންޓް ނުލިބި ޕޮއިންޓެއް ލިބުނަށް ހިތްހަމަޖެހޭކަމަށް ނިޝްތާރު ބުންޏެވެ.

"އަސްލު ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލަން. މެޗްއަށް ނިކުތީ ސީދާ ތިން ޕޮއިންޓްއަށް. ގާތްގަނޑަކަށް ތިން ޕޮއިންޓް ލިބެންދަނިކޮށް، އެންމެ ފަހު ވަގުތު ގްރީންއިން ސްކޯ ކުރީ. އެއީވެސް ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލުނު ވަގުތު ވެގެންދިޔަ ކަމެއް." ނިޝްތާރު ބުންޏެވެ.

ފޯކައިދޫ ޓީމް އެއްކޮށްކަހަލަ ގޮތަކަށް ބިނާވެފައިވަނީ ފުރަތަމަ ޑިވިޝަންގައި މީގެ ކުރިން ކުޅެފައިވާ ޓީމްތަކުގެ ކުޅުންތެރިންގެ މައްޗަށެވެ. ޓީމްގައި ތިބި ބިދޭސީ ކުޅުންތެރިންނަކީވެސް ކުރިން ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިންކަން ފާހަކޮށްލެވެއެވެ.