ކުޅިވަރު

ނެޝަނަލް ސްޕޯރޓްސް އެކަޑަމީ ސެޕްޓެމްބަރު މަހު ހުޅުވާނެ: އެފްއޭއެމް


އަންނަ ސެޕްޓެމްބަރު މަހު ފަހުކޮޅު ނެޝަނަލް ސްޕޯރޓްސް އެކަޑަމީ ހުޅުވާނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ސަރުކާރުގެ ފުރިހަމަ އެހީއާއެކު ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ނެޝަނަލް ސްޕޯރޓްސް އެކަޑަމީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. ނެޝަނަލް ސްޕޯރޓްސް އެކަޑަމީއާ ގުޅޭ މަޢުލުމާތު ދެއްވުމަށް މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ މިހާރު ނެޝަނަލް އެކަޑަމީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށިގެން ކުރިއަށްދަވާކަމަށެވެ. ޖުމްލަ ގޮތެއްގައި މިއެކަޑަމީގައި ހިމެނެނީ ބޮޑު އެއް ޓާފް ދަނޑާއި، މިނީ ޕިޗްގެ ދެ ދަނޑާއި ސްވިމިންގ ޕޫލަކާއި، ޖިމަކާއި، ކުދިންނަށް ތިބެވޭ އެކޮމަޑޭޝަން ބްލޮކެއް ކަމަށް ބައްސާމް ވިދާޅުވިއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްދަނީ އޮފީހަކާއި، ބޮޑު އެއް ޓާފް ދަނޑާއި އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ޖިމާއި މިސްކިތެއް އެޅުމުގެ މަސައްކަތެވެ. މިއެޑަމީ އިތުރަށް ވަރުގަދަ ކުރުމަށް ބޭރުގެ އެންމެ ބޮޑު އެއް އެކަޑަމީއާއެކު މަޝްވަރާތައް ކުރަމުންދާކަމަށާއި، މިހާރު ކުރިއަށްދާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިމުމާއިއެކު އެއްބަސްވުމަކަށް އާދެވޭ ވަރުވާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެކަޑަމީގެ ދައުރު ވަރަށް ބޮޑު ވާނެކަންވެސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ ހެޑް އިހުސާން ޢަބްދުލް ޣަނީ (ސާންތި) ބުނީ މިއީ ސަރުކާރުން ކުރާ ވަރަށް ބޮޑު އިންވެސްޓްމެންޓެއްކަމަށާއި، މިއެކަޑަމީއަށް ކުދިން ހޮވުމުގައި ވަރަށް ގިނަ ކަންތައްތަކެއް ބަލާނެކަމަށެވެ. އެފްއޭއެމްގެ ކޯޗުންނާއި ޓެކްނިކަލް ބައެއް މުއައްޒަފުން އަތޮޅުތެރެއަށް ގޮސް ކުދިން ދެނެގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށޭނެކަމަށްވެސް ސާންތި ބުންޏެވެ. އެކަޑަމީއަށް ނަގަނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ.

އެކަޑަމީއަށް ގެންނަ ކުދިންގެ ކިޔެވުމުގެ ކަންތައްތައް ހަމަޖެއްސުމަށް މިހާރު އެޑިއުކޭޝަން މިނިސްޓްރީއާއި ވާހަކަދައްކައިގެން ހުޅުމާލޭގެ ސްކޫލަކުން ފުރުޞަތު ހޯދާގޮތަށް ވަނީ ހަމަޖެހިފައެވެ. މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ އެކަޑަމީތަކުގެ ކުދިންގެ ތެރެއިން ނެޝަނަލް ސްޕޯރޓްސް އެކަޑަމީއަށް ފެތޭ ފެންވަރުގެ ކުއްޖެއް ހުރިނަމަ، އެކުއްޖަކަށްވެސް ފުރުސަތު ދޭނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.