ޚަބަރު

ކަސްޓަމްސްތަކުގެ އެންމެ އިސްވެރިންގެ ބަދަލުވުމުގައި ރާއްޖެ


ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ކައުންސިލް ސެޝަންގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ބައިވެރިވެވަޑައިގެންފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ސެޝަނަކީ ދުނިޔޭގެ ކަސްޓަމްސްތަކުގެ އެންމެ އިސްވެރިން އެއްތަނަކަށް އެއްވެ ކަސްޓަމްސްގެ ދާއިރާއިން ތަރައްޤީކޮށް ރަގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުމުގައި ކުރިއަށް އޮތް 5 އަހަރަށް އެޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް މިހާރުވެސް އެމަޤާމް ފުރުއްވަމުން ގެންދަވާ ޖަޕާންގެ މރ. ކުނިއޯ މިކުރިއާ ވަނީ އައްޔަންކޮށްފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވަނީ ދުނިޔޭގެ އެކި ކަސްޓަމްސްތަކުގެ ވެރިންނާއި ބައްދަލުކުރައްވާފައެވެ. ކޮމިޝަނަރ ޖެނެރަލް ބައްދަލުކުރެއްވި ޤައުމު ތަކުގެ ތެރޭގައި ޖަޕާން ކޮރެއާ އިންޑޮނޭޝިޔާ އަދި އެމެރިކާ ފަދަ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ ވެރިން ހިމެނެއެވެ.

މިބައްދަލުވުން ތަކުގައި ދިވެހި ކަސްޓަމްސްއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ހިއްސާކޮށްފައިވާއިރު ކަސްޓަމްސްގެ ތަރައްޤީއަށް އެޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް ލިބިފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ. މި ގޮތުން ޖަޕާނުން ވަނީ ރިސްކްމެނޭޖްމަންޓާއި، ކަސްޓަމްސް ލެބޯޓްރީގެ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އެހީތެރިކަމެއް ދޭނެކަމަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ. މީގެ އިތުރުން ބްރަސަލްސްއާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ޝިޔާން އާއި ބައްދަލުކުރައްވާ ޔޫރަޕުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ކަސްޓަމްސް ދާއިރާއިން އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މައުލޫމާތު ވަނީ ސަފީރާ ހިއްސާކޮށްފައެވެ.

މިބައްދަލުވުންތަކުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދުއާއި އެކު އެސިސްޓެންޓް ކޮމިޝަނަރ އިސްމާއިލް ނާޝިދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.