އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ގަތްލުއާންމުތަކެއް ކަމަށް ސިފަކުރެއްވުމަށްފަހު އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފިއެވެ.
ޕެރިހުގައި ދެއްވި ބަޔާނެއްގައި އޮލާންދް ވިދާޅުވީ ހަމާސް ޖަމާއަތުން އިސްރާއީލަށް ރޮކެޓް ޙަމަލާ ދިނުންވެސް އޭނާ ވަރަށްބޮޑަށް ކުށްވެރި ކުރައްވާ ކަމަށާ ނަމަވެސް ރޮކެޓް ހަމަލާތަކުގެ ބަދަލުގައި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ޙަމަލާދީ ފަލަސްތީނުގެ އާންމު ރައްޔިތުން މަރާ ގަތްލުއާންމު ހިންގުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށެވެ.
މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ބިރުވެރި ގަތްލުއާންމުތަކާ ގުޅިގެން އިސްރާއީލު ކުށްވެރިކުރައްވައި ފަރަންސޭސި ރައީސް މިހާ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސްވެސް ވަނީ ފަލަސްތީނުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށްދޭ ރޮކެޓް ޙަމަލާތަކަކީ ޣައްޒާގެ އާންމުން މެރުމަށް އިސްރާއީލަށް ބަހަނާ ދެއްކޭނެ ސަބަބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ފެބިއޮސްގެ ވާހަކާގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުން އިސްރާއީލަށްދޭ ރޮކެޓް ޙަމަލާތައްވެސް ވަރަށްބޮޑަށް ކުށްވެރިކުރެއްވިއެވެ.
ޣައްޒާގައިވާ އދ. ގެ ސްކޫލްތަކަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކުރައްވައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންވެސް މިދިޔަ އާދީއްތަ ދުވަހު ވަނީ ވާހަކަ ދައްކަވާފައެވެ.