ކުޅިވަރު

ކްލަބްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރިޔާދު މާރޭޒް ސިޓީއަށް


މެންޗެސްޓަރ ސިޓީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ލެސްޓަރ ސިޓީގެ ރިޔާދު މާރޭޒްގެ ސޮއި ހޯދައިފިއެވެ.

ވިންގަރ މާރޭޒް ސިޓީއަށް ބަދަލުވީ 60 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ. 27 އަހަރުގެ ކުޅުންތެރިޔާ ސިޓީއާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށްފަހު ސިޓީން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ. އަލްޖީރިޔާގެ ކުޅުންތެރިޔާ ހޯދަން ޖެނުއަރީމަހުވެސް ސިޓީން މަސައްކަތްކުރިއެވެ. ނަމަވެސް އެފަހަރު ލެސްޓަރ ސިޓީން ކުޅުންތެރިޔާ ވިއްކާލަން ދެކޮޅު ހެދުމުން ސިޓީއަށް ކާމިޔާބެއްނުވިއެވެ.

ސިޓީއަށް ބަދަލުވުމަށްފަހު މާރޭޒް ބުނީ ކޯޗު ޕެޕް ގާޑިއޯލާގެ އެޓޭކިންގ ފުޓްބޯޅައަށް ޝައުޤުވެރިވާކަމަށާއި، ނިމިގެން ދިޔަ ސީޒަންގައި ސިޓީގެ ފެންވަރު ފެނުނީ ތަފާތުކޮށްކަމަށެވެ. އަދި އޭނާގެ ކުޅުންވެސް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުރިއެރުވޭނެކަމަށް ޤަބޫލުކުރާކަމަށެވެ. މާރޭޒް ވަނީ ލެސްޓަރ ސިޓީއަށް ކުޅުނު 179 މެޗުން 48 ގޯލް ޖަހާފައެވެ. 2015/2016 ވަނަ އަހަރުގެ ސީޒަންގައި ލެސްޓަރ ސިޓީ ޕްރިމިއަރ ލީގު ހޯދިއިރު ސީޒަންގެ ޕީ.އެފް.އޭ އެވޯޑް ހޯދީވެސް މާރޭޒްއެވެ.