ޚަބަރު

ހެލްޕް ގާޒާ ޓެލެތޯނަށް ވިހި މިލިއަނަށްވުރެ ގިނަ ރުފިޔާލިބިއްޖެ






 


ދިވެހި މީޑިއާތަކުން އިސްނަގައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހޯދުމަށް ކުރިއަށް ގެންދިޔަ ހެލްޕް ގާޒާ ޓެލެތޯނަށް ވިހި މިލިއަން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާލިބިއްޖެއެވެ.


 
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޓެލެތޯނަކަށް މިހާ ގިނައަދަދަކަށް ދިވެހި ރައްޔިތުން ފައިސާގެ އެހީ ފޯރުވައިދިން ފުރަތަމަ ފަހަރެވެ.


 
މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ހެލްޕް ގާޒާ ޓެލެތޯން ތެއްތިރީސް ގަޑިއިރަށް ގެންދިއުމަށް ކަނޑައަޅައި ރޭ ބާރަޖެހުމާއިހަމައަށް ފަހުވަގުތު ބެލިނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އެހީދިނުމަށް ޖަމާވެފައި އޮތުމުން ރޭގެ މެންދަމު ތިނެއްޖެހުމާއި ހަމައަށް ދިޔައެވެ.


 
ޓެލެތޯން އިންތިޒާމުކުރި ސްޓިއަރިން ކޮމެޓީން ބުނީ ރައްޔިތުން ވަރަށް މަތީ ދަރަޖައަކަށް ޓެލެތޯންގައި ބައިވެރިވެފައިވާކަމަށާއި ލަފާކުރެވިފައިވެސް ނުވާހާ ދީލަތި އެހީތަކެއް އޮހިގެންދިޔަކަމަށެވެ.


 
އެންމެ ބޮޑު އަދަދަކަށް ޖަމާކުރެވޭނެ ކަމަށް ލަފާކުރެވިފައި އޮތީ ފަނަރަ މިލިޔަން ނުވަތަ އެއް މިލިޔަން ޑޮލަރެވެ. އެހެންނަމަވެސް ރޭ ޓޭލެތޯން ނިމިގެންދިޔަ އިރު ވހިމިލިޔަން ހަތްސަތޭކަ ހާސްވަނީ ޖަމާވެފައެވެ.


 
އެހެންނަމަވެސް ޓެލެތޯންގެ ސްޓިއަރިން ކޮމެޓީންބުނީ ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުން އެއްކުރި ފައިސާ އަދި ބެންކާއިހަމައަށް ނުފޯރާތީ މިއަދަދު މިއަށްވުރެވެސް އަދި މާ ބޮޑުވާނެކަމަށެވެ.


 
ޓެލެތޯންގެ ސްޓިއަރިންގ ކޮމިޓީގެ ޗެއާރ ޕާސަން އަދި އެމް.ބީ.ސީގެ ޗެއާރމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ، މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ރައްޔިތުންނަށް އޮޅުން ނާރާނޭހެން ވީހާވެސް، ދެފުއް ފެންނަށް ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.


 
މަނިކު ވިދާޅުވީ، ފަންޑު ފޮށިތަށް ބަހައްޓައިގެން ފަންޑު ހޯދުމުގެ މަސައްކަތްތައް ނިންމާލި ކަމުގައި ވިޔަސް، ބޭންކް މެދުވެރިކޮށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ހުޅުވިފައިވާކަމަށެވެ. އަދި ފައިސާ ގުނުމުގެ މަސައްކަތުގައި މީޑިއާގެ އެއްވެސް ދައުރެއް ނޯންނާނެކަމަށާއި، ފައިސާ ގުނުމުގެ ހުރިހާކަމެއްގައި ހަރަކާތްތެރިވަނީ ބޭންކް އޯފް މޯލްޑިވްސްގެ ސްޓާފުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


 
ހެލްޕާ ގާޒާ ޓެލެތޯން އެހާ ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިއުމުގައި ހުރިހާ މީޑިއާތަކަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ވެދިން އެހީތެރިކަމާއި ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށްކަށް ހުރިހާ މީޑިއާއެއްގެ ނަމުގައި އިބްރާހިމް އުމަރު މަނިކު ޝުކުރު އަދާކުރެއްވިއެވެ.


 

ފަންޑަށް ފައިސާއެއްކުރުމަށް އެކި ފަރާތްތަކުން ތަފާތު ހަރަކާތްތަކެއް ހިންގާފައިވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެކި މުއައްސާތަކުންނާއި ކުންފުނިތަކުންނާއި އޮފީސްތަކުން އެތަންތަނުގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ޖަމާކޮށްދިންކަމެވެ.


 



ސްޓިއަރިން ކޮމިޓީއިން ބުނީ، ފަންޑަށް އެއްކުރެވުނު ފައިސާ އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި ފަންޑަށް އެއްކުރެވޭ ފައިސާ ހަފްތާއެއްގެ ތެރޭގައި ޤަތަރު ރެޑްކްރެސެންޓް މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އުއްމީދު ކުރާ ކަމަށްވެސް ސްޓިއަރިންގ ކޮމިޓީއިން މައުލޫމާތުދެއެވެ.