ޚަބަރު

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުޅިވަރާ ކަސްރަތުގެ ޚާއްސަ ޕްރޮގްރާމެއް





 


ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން "ދުޅަހެޔޮ ސިއްޙަތަކަށް އެންމެން އެކީ" މިނަމުގައި ކުޅިވަރާ ކަސްރަތުގެ ޚާއްސަ ޕްރޮގްރާމެއް މިނިސްޓްރީއޮފް ޔޫތު އެންޑް ސްޕޯޓްސް އިން ރޭ އިފްތިތާހުކުރައްވައިފިއެވެ.


 
މިކަމަށްޓަކައި ރޭ މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ޒުވާނުންނާ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލެވެ.


 
މި ޕްރޮގްރާމް ފައްޓަވާދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މަލީޙް ވިދާޅުވީ ޒުވާނުންނަށް ފުރުސަތުތައް ހޯއްދަވައި ދެއްވުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ވައުދެއްކަމަށާ، މި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ވެގެންދާނެކަމަށެވެ.


 
ރާއްޖޭގައި ޒުވާނުންނަށް ހާއްސަ ދުވަހެއް ވަރަށް ކުލަގަދަކޮށް މިއަހަރުގެ ފަހުކޮޅު ފާހަގަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމަކީ ހުރިހާ އުމުރަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށާ، މާލޭގައި ފުރަތަމަ މި ޕްރޮގްރާމް ފެށިގެން ދިޔަނަމަވެސް ކުރިއަށް އޮތްތާނގައި ރާއްޖޭގެ އަތޮޅުތަކުގައިވެސް މި ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މަލީހު ވިދާޅުވިއެވެ.


 
ރޭ ފެށުނު މި ޕްރޮގްރާމްގެ ދަށުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ފަތިހު ފަސްގަޑި ސާޅީސް ފަހަކުން ހަގަޑި ސާޅީސް ފަހަކަށް އާންމުކޮށް ހުރިހާ އެންމެންނަށް ހުޅުވާލައިގެން މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޒުމްބާ، ޖިމް ، ޔޯގާ ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.


 
 


މި ޕްރޮގްރާމްތައް ކުރިއަށް ދާނީ ޓްރެކް ދަނޑުގެ އިތުރުން ހެންވޭރު އަޑިޕާކް އަދި ސޯޝަލް ސެންޓަރުގަ. ރޭ މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ފަހުވެސް ކަސްރަތުގެ ބައެއް ހަރަކާތްތައް ދައްކާލާފައިވެއެވެ.