ކުޅިވަރު

ޖަރޒީ ވިއްކައިގެން ރޮނާލްޑޯގެ އަގު ހަމަކޮށްފި


ކްރިސްޓިއާނޯ ރޮނާލްޑޯ ގަންނަން ހޭދަކުރި 112 މިލިއަން ޔޫރޯ އޭނާގެ ޖާޒީ ވިއްކައިގެން ހަފުތާއެއްގެ ތެރޭގައި ޔުވެންޓަސްއިން ހަމަކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ އަކީ އޭނާގެ އުމުރުގައި ކުލަބު ބަދަލުކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން އޭނާ ގަތުމަށް ހޭދަކުރި 112 މިލިއަން ޕައުންޑަކީ މީގެ ނުވަ އަހަރު ކުރިން މެންޗެސްޓާ ޔުނައިޓުން ދުނިޔޭގެ ރެކޯޑް ފީއަކަށް އޭނާ ވިއްކާލި އަދަދަށްވުރެ ބޮޑު އަގެކެވެ.
ޔުވެންޓަސް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރެކޯޑް އަދަދަކަށް ހޯދާފައިވާ ރޮނާލްޑޯގެ ތިން ކޮލިޓީއެއްގެ ޖާޒީ، ތަފާތު ހަތަރު އަގެއްގައި ވިއްކައިފައެވެ.
އޭނާ ގަތުމަށް ހޭދަކުރި ފައިސާ ޖާޒީ އެކަނި ވިއްކައިގެން ލިބުމުން އިޓަލީގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ވަނީ ޔުވެންޓަސް މި އަހަރު ގިނަގުނަ މާލީ ފައިދާތަކެއް ހޯދާނެ ކަމަށް ބުނަން ފަށާފަ އެވެ.
މި ގޮތުން އެކުލަބު ކުޅޭ މެޗުތަކުގެ ޓީވީ ރައިޓްސް މިހާރު ވެސް ވަނީ އަގުބޮޑު ވެފައެވެ. އަދި ޓިކެޓް ސޭލްސް އިތުރުވާނެ ކަމަށް ބެލެވޭއިރު މީގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ އަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް ކުރީގެ ކުޅުންތެރިން ވެސް ވަނީ ބުނަން ފަށާފަ އެވެ. ސަބަބަކީ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމާއެކު ބައެއް ބޮޑެތި ޗެނަލްތަކުން މިހާރު ވެސް އިޓާލިއަން ލީގުގެ ރައިޓްސް ގަނެފައިވާތީއެވެ.