އޭނާގެ ވިސްނުން ބަދަލުކޮށް ބޮޑުއަގުގައި ކުޅުންތެރިން ގަންނަން ފެށީ މެންޗެސްޓާ ޔުނައިޓެޑުން ޕައުލް ޕޮގްބާ ދުނިޔޭގެ ރެކޯޑްފީއަކަށް ގަތުމުން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
އޭނާ މިހެން ބުނީ ޕޮގްބާއަށް ގާތްގަނޑަކަށް 100 މިލިއަން ޕައުންޑް ޔުނައިޓެޑުން ހޭދަކުރުމުން އެކަމަށް ފާޑުކިއުމަށްފަހު ކުޅުންތެރިން ގަތުމަށް ބޮޑު ހޭދަތަކެއް ކުރަން ފެށުމުން ނޫސްވެރިން ސުވާލުކުރުމުންނެވެ.
ކްލޮޕް ކުރިން ބުނީ ޕޮގްބާއަށް ޔުނައިޓެޑުން ހޭދަކުރިވަރުގެ ފީއެއް އެންމެ ކުޅުންތެރިއަކަށް ހޭދަކުރަންވެއްޖެނަމަ އޭނާ ކޯޗުކަންކުރުން ހުއްޓާލާފައި ކުރާނީ ކޮންމެވެސް އެހެން މަސައްކަތެއް ކަމަށެވެ.
"މީހުން އަބަދުވެސް ހަނދާން ހުންނާނެ މީހަކު އެންމެ ތާކުންތާކު ނުޖެހޭ ވާހަކައެއް ވެސް ބުނެފިއްޔާ. އަހަންނަށް ބުނެވުނު އެފަދަ ވާހަކައެއްތީ. އަހަރެންގެ ވިސްނުމަކަށްނޫން މިކުލަބު ހިނގަންވާނީ. އަހަރެންގެ މަސައްކަތަކީ މިކުލަބު ކާމިޔާބު ކުލަބެއްގެ ގޮތުގައި ބޭއްވުން. އެމަސައްކަތުގައި އަހަންނަށް ހީވަނީ މިއީ އަހަރުމެން ރެކޯޑް އަގެއްގައި ކީޕަރަކު ގަންނަންވީ ވަގުތުހެން،" ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ރެކޯޑް އަގަކަށް ގަނެފައިވާތީވެ އެކަމަށް އިޝާރާތްކުރަމުން ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ޕޮގްބާގެ ފީއާމެދު އޭނާ ދެކޭގޮތް މިހާރު ބަދަލުވެއްޖެ ކަމަށެވެ.
"މިހާރު ސިޓުއޭޝަން ބަދަލުވެއްޖެ. ހާލަތު ބަދަލުވެއްޖެ. މިއަދު ޓްރާންސްފާ މާކެޓުގެ މައްސަލައަކީ އަގުބޮޑުވުން. ބޮޑު އަގުނުދީ މިހާރު ރަނގަޅު ކުޅުންތެރިން ގެނެވޭކަށްނެތް. މިހެންވެ އަހަރެންގެ ވިސްނުން ވެސް ބަދަލުވީ. މިއީ ހަގޤީގަތް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ވަނީ މިދިޔަ 12 މަސްދުވަހުގެ ތެރޭގައި ވާޖިލް ވެންޑައިކް 75 މިލިއަން ޕައުންޑަށް އަދި ނަބީ ކެއިތާ 52 މިލިއަން ޕައުންޑަށް އަދި އޮކްސްލައިޑް ޗެމްބަލައިން 44 މިލިއަން ޕައުންޑަށް އަދި ކީޕަރު އެލިސަން ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި 65 މިލިއަން ޕައުންޑަށް ގަނެފައެވެ.