ޚަބަރު

މޫސުމާމެދު ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި


ކުރިއަށް އޮތް ސައުވީސްގަޑި އިރު ރާއްޖޭގެ ހުރިހާ ޞަރަޙައްދެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އެހެން ކަމުން އެކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކުރާކަމަށެވެ. އެގޮތުން އުދައިގެ އަސަރުކުރާނެކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.

އެއިދާރާއިން ބުނީ މެދުރާއްޖެރެއާއި އުތުރުގެ ސަރަޙައްދުތަކަށް ވައިގަދަވާނެކަމަށާއި އެހެންކަމުން ކުރިއަށް އޮތް ސައުވީސްގަޑިއިރު މިސަރަޙައްދުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭނެކަމަށެވެ. މެޓު އޮފީހުން ބުނީ މިހާރުކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި މިއަދާއި މާދަމާ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވިއްސާރަކުރަނެކަމަށް ލަފާކުރެވޭނެކަމަށެވެ.

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރިނަމަވެސް ބުދަ ދުވަހާއި ބުރާސްފަތިދުވަހު މޫސުން ރަނގަޅުވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. ރާއްޖޭއަށް މިހާރުކުރަނީ މޫސުމީ ވިއްސާރަކަމަށް ވާއިރުކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކިސަރަޙައްދުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް މިސަރަޙައްދުގެ އެހެނިހެން ޤައުމުތަކުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.