ވައިގެ ދަތުރުފަތުރާބެހޭ ތަފާސް ހިސާބުތަކަށް ބަލާލާއިރު އާއްމުގޮތެއްގައި ފާހަގަކޮށްފައި ހުންނަނީ އެންމެ ގިނަ މީހުން ދަތުރުކުރާ އެއަރލައިންތަކާއި އެންމެ ބާރުބޮޑު އެއަރޕޯޓުތަކުގެ ތަފާސް ހިސާބުތަކެވެ. ވައިގެ ދަތުރުފަތުރާއި ވައިގެ އުދުހުމުގެ މިނޫންވެސް ކަންކަމާ ގުޅޭގޮތުން ތަފާސް ހިސާބުތައް އެއްކުރެއެވެ.
އިނގިރޭސިވިލާތުގެ އެޖެންސީއެއްކަމަށްވާ "އޮފިޝަލް އެއަރލައިން ގައިޑް"އަކީ މިފަދަ ތަފާސް ހިސާބުތައް އާއްމުކުރާ އެޖެންސީއެކެވެ. މިއެޖެންސީން އާއްމުކުރާ މައުލޫމާތުތަކަކީ އެއަރލައިންތަކާއި އެއަރޕޯޓްތަކާއި ސަރުކާރުގެ އިދާރާތަކާއި ޓްރެވަލް އެޖެންސީތަކުން އެއްކުރާ މައުލޫމާތެވެ. މިގޮތުން މިއެޖެންސީން ވަނީ ވަކިވަކި އުދުހުންތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އުދުހުންތައް ނުވަތަ ފްލައިޓްތައް ޢާއްމުކޮށްފައެވެ.
މިތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ( އޭޕްރީލް 2017 އިން މާޗު 2018 އަށް ) އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބްރިޓިޝް އެއަރވޭސްއިން، އެމެރިކާގެ ނިއުޔޯކުގެ ޖޭއެފްކޭ އެއަރޕޯޓުން އިނގިރޭސިވިލާތުގެ ހީތުރޯ އެއަރޕޯޓާދެމެދު ބޭއްވި އުދުހުންތަކަށެވެ. ޖޭއެފްކޭއާއި ހީތުރޯ އެއަރޕޯޓާދެމެދު ބޭއްވި އުދުހުންތަކުން ބްރިޓިޝް އެއަރވޭސްއަށް 1.04 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އޮސްޓްރޭލިއާގެ ކަންޓަސް އެއަރވޭސްއިން، އެޤައުމުގެ މެލްބަންއާއި ސިޑްނީއާ ދެމެދު ބޭއްވި އުދުހުންތަކުންނެވެ. އެ އުދުހުންތަކުން 855 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.
819 މިލިއަން ޑޮލަރާއެކު 3 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ދުބާއީގެ އެމިރޭޓްސް އެއަރލައިނުން، ލަންޑަންގެ ހީތުރޯ އެއަރޕޯޓުން ދުބާއީއާދެމެދު ބޭއްވި އުދުހުންތަކުންނެވެ.
ބްރިޓިޝް އެއަރވޭސްއިން، އެމެރިކާގެ ނިއުޔޯކުގެ ޖޭއެފްކޭ އެއަރޕޯޓުން އިނގިރޭސިވިލާތުގެ ހީތުރޯ އެއަރޕޯޓާދެމެދު ބޭއްވި އުދުހުންތަކުން 1.04 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ބްރިޓިޝް އެއަރވޭސްއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ 6 އިންސައްތައެވެ.
ތަފާސް ހިސާބުތަކަށް ބަލާލާއިރު އިނގިރޭސިވިލާތުގެ ހީތުރޯ އެއަރޕޯޓަށް އޮތް ޑިމާންޑު ފެނެއެވެ. އެންމެ ބޮޑު އާމްދަނީ ލިބުނު ވަކިވަކި 10 އުދުހުންތަކުގެ ތެރެއިން 5 އުދުހުން ފެށެނީ ނުވަތަ ނިމެނީ ހީތުރޯ އެއަރޕޯޓަށެވެ. އެހެންކަމުން ހީތުރޯ އެއަރޕޯޓުގައި 3 ވަނަ ރަންވޭއެއް ހެދުމަށް މަސައްކަތްކުރާ ސަބަބު ވަރަށް ސާފެވެ. އަދި ހީތުރޯ އެއަރޕޯޓުން އެއަރލައިންތަކަށް ލިބެން އޮތް ފައިދާވެސް ވަރަށް ބޮޑެވެ.