ޚަބަރު

ރައީސް ޔާމީނަށް ބޮޑެތި މަޝްރޫޢުތައް ހިންގިދާނެކަން އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލުކުރޭ - ޑރ. ޚަލީލް


ރައީސް ޔާމީންގެ ސަރުކާރަކީ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ޤާބިލުކަން ހުރި ސަރުކާރެއްކަމަށް އިދިކޮޅު ފަރާތްތަކުން މިހާރު ޤަބޫލުކުރާކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ތަރައްޤީ އައު ޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައި ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ދިވެހިން ދުވަހަކުވެސް އުންމީދު ނުކުރާފަދަ ބިޔަ ބޮޑެތި މަޝްރޫޢުތަކެށް ކާމިޔާބުކަމާއި އެކު ހިންގާ ނިންމާފައިވާކަމަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރައީސް ޔާމީންގެ ސަރުކާރަށް ހުރިހާ ދިވެހިންގެ ޔަޤީންކަމާއި އިތުބާރު ޤާއިމުވެގެން ދިޔުންކަން ފާހަގަކުރައްވާ ޑރ. ޚަލީލް ވިދާޅުވީ މިކަން އިދިކޮޅު ފަރާތްތަކުންވެސް މިއަދު ޤަބޫލުކޮށްފައިވާކަމަށެވެ. އެގޮތުން މި މަސައްކަތްތަށް މަޑުޖައްސުވާލާ ހުއްޓުވުމައްޓަކައި އެ ފަރާތްތަކުން ކަމާގުޅުންނެތް ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދިޔަ ނަމަވެސް ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫޢުތަކަށް މިކަމުގެ ސަބަބުން އެއްވެސް ހުއްޓުމެއް ނާންނާނެކަމުގެ ޔަޤީންކަން ޑރ. ޚަލީލް ދެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން މި ދައުރުގައި ރާއްޖެއާއި ޗައިނާއާއި ދެމެދު ބަދަހިކުރަމުންދާ ގުޅުމާއި މެދު ކުރާ ތުހުމަތުތަކަށް ރައްދުދެއްވާ ނިލަންދޫ ދާއިރާގެ މެމްބަރ ވިދާޅުވީ މި ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވްންކަމާއި އިސްތިޤުލާލަށް އެއްވެސް ގެއްލުމެއްނުލިބޭނެކަމަށެވެ. އެގޮތުން ދުނިޔޭގެ އިޤްތިޞާދުގެ 30 އިންސައްތަ ޙިއްސާކުރާ ޗައިނާއާއި އެކު ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުން ދިވެހިންނަށް ލިބެމުންދަނީ ފައިދާކަން ފާހަގަކުރައްވާ ޑރ. ޚަލީލް ވަނީ އިދިކޮޅު ފަރާތްތަކުން އެބައިމީހުންގެ ވެރިކަމެއްގައި މިގުޅުން ކަނޑާލުމަށް ވިސްނާ ވިސްނުމަކީ ޤައުމަށް ގެއްލުންހުރި ވިސްނުމެއްކަމަށް ވިދާޅުވެފައިއެވެ.