ރިޕޯޓް

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ބޮޑެތި ވިޔަފާރިވެރިންގެ ތަޢުރީފު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތަށް، ބޮޑެތި ވިޔަފާރިވެރިން ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.

ޕީއެސްއެމް އިންގެނެސްދިން "މައި ނޭޝަން، މައި ފިއުޗަރ" ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީގެ ތެރޭގައި ހިމެނޭ މަޝްހޫރު ވިޔަފާރިވެރިންކަމަށްވާ މުޙައްމަދު އުމަރު މަނިކު(އެމްޔޫ މަނިކު)އާއި ޗަންޕާ ހުސެއިން އަފީފާއި އަޙްމަދު ނަޒީރު (ކްރައުން ނަޒީރު)ގެ އިތުރުން ރިސޯޓު ކޮންސްޓްރަކްޝަންގެ ޗެއަރމަން މުޙައްމަދު ޢަލީ ޖަނާހުއާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާޢީލް އާސިފު ބައިވެރިވެވަޑައިގަތެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން މިބޭފުޅުންވަނީ ތަރައްޤީއާއި އިޤްތިޞާދަކީ ވަކި ނުކުރެވޭނެ ދޭއްޗެއްކަން ފާހަގަކުރައްވާ، ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށް، ޢުމްރާނީ ތަރައްޤީގެ ވަސީލަތްތައް ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން، އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކާއެކު ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށާއި، ޒަމާނީ ވިޔަފާރީގެ މޮޑެލްއަކަށް ރާއްޖޭގެ އިޤްތިޞާދު މިހާރު ބައްޓަންވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޢުމްރާނީގޮތުންނާއި، އިޤްތިޞާދީގޮތުން އަދި އިޖްތިމާޢީގޮތުން މިއަދު ރާއްޖެ މިދެކޭ ތަރައްޤީއަކީ ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ކަންތައްތަކެއްކަމަށާއި، މިއީ އެތައް ގޮތަކުން ފައިދާކުރަނިވި ކަންތައްތަކެއްކަމަށް ވިދާޅުވެ، ރައީސްގެ އިޤްތިސާދީ އެޖެންޑާއަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވިއެވެ.

"ތަރައްޤީގެ އައު ޖީލެއް މިހާރު މިދެކެނީ. ވަރަށް ގިނަ ކަންތައްތައްތަކެއް އެބަ ހިނގާ. ޕްރޮވައިޑިންގ ޝެލްޓަރ، އެކި ދާއިރާތަކުން ވަރަށް ބޮޑު އެކްސްޕެންޝަނެއް މި އަންނަނީ. މިއިން ދުވަހަކު ރާއްޖޭގައި ނާންނަވަރުގެ އެކްސްޕެންޝަނެއް މިއީ" މަޓީގެ ޗެއާމަން، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢުމަރު މަނިކު ވިދާޅުވިއެވެ.

"މި ތަރައްޤީ ނުގެނެވިއްޖެނަމަ އަޅުގަނޑުމެން އަނެއްކާވެސް ދާނީ ފަހަތައް. ދުނިޔެ ކުރިއަރާދާ މިންވަރަކަށް އަޅުގަނޑުމެންވެސް އެބަޖެހޭ ކުރިއަރާދާން. މިއީ ވަރަށް ވާދަވެރި ޒަމާނެއް. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މި އެކްސްޕެންޝަނާއި ތަރައްޤީ ގެންނަން" ކްރައުން ކޮމްޕެނީގެ ޗެއަރމަން އަދި މަޓީގެ ވައިސް ޗެއަރމަން ޙުސައެއިން އަފީފު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އިކޮނޮމިކް ޑިވެލޮޕްމަންޓަކީ ރައްޔިތުންގެ ފައިދާއަށްޓަކާ ހުރިހާ ސަރުކާރަކުންވެސް ކުރާނެކަމެއް. މި ސަރުކާރުން އެކްސެލެރޭޓެޓް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ފައްޓަވައިގެން އެ ހިންގަވަނީ. އެކަންކަމުގެ ފޮނި ނަތީޖާވެސް މިހާރު ހާސިލުވަމުންދާ މަންޒަރު މިދަނީ ފެންނަމުން" މަޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަޒީރު ވިދާޅުވިއެވެ.

"
"ތަރައްޤީގެ އައު ޖީލެއް މިހާރު މިދެކެނީ. ވަރަށް ގިނަ ކަންތައްތައްތަކެއް އެބަ ހިނގާ. ޕްރޮވައިޑިންގ ޝެލްޓަރ، އެކި ދާއިރާތަކުން ވަރަށް ބޮޑު އެކްސްޕެންޝަނެއް މި އަންނަނީ. މިއިން ދުވަހަކު ރާއްޖޭގައި ނާންނަވަރުގެ އެކްސްޕެންޝަނެއް މިއީ"
މަޓީގެ ޗެއާމަން، އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢުމަރު މަނިކު

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރައްވައި، ވަރުގަދަ އިޤްތިޞާދެއް ބިނާވެފައިވާ ޤައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ރާއްޖެ ގެންގޮސްދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެމުންދާކަމަށް މިބޭފުޅުން ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންވެސް ޝަޢުގުވެރިވާ ތަނަކަށް ހެދުމަށްޓަކާ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާއި، އަމަންއަމާންކަން ޤާއިމުވެފައި އޮތުމުގެ މުހިއްމުކަމާއި، ޒުވާނުންނަށް އެކި ރޮނގު، ރޮނގުން ކުރިއަށްދެވޭނެ މަގުފަހިވެފައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ޕެނަލްގައި ބައިވެރިވި ބޭފުޅުންވަނީ ވާހަކަދައްކަވާފައެވެ.

2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕެއިން ދުވަސްވަރުން ފެށިގެން ވިދާޅުވަމުން ގެންދެވީ، 2013 ވަނަ އަހަރަކީ ބަދަލުތަކެއް އަންނަން ޖެހޭ އަހަރެއް ކަމަށެވެ. ރިޔާސީ ރޭސް ކާމިޔާބުކުރައްވައި ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތަށް 5 އަހަރު ފުރުމާ ގާތްވެފައިވާއިރު އެމަނިކުފާނު އޭރު ވިދާޅުވަމުންގެންދެވި ބޮޑު ބަދަލު ރާއްޖޭގެ ހުރިހާ ހިސާބަކުން ދަނީ ފެންނަމުންނެވެ. ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާއަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ތަޢުރީފުކުރަމުންދާއިރު ރާއްޖެއިން ބެރުގެ ފަރާތްތަކުންވެސްވަނީ ސިޔާސަތަށް ތަޢުރީފުކޮށް "ޓްރާންސްފޯމޭޝަނަލް" ބަދަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.