ކުޅިވަރު

ވޮލީ ޓީމް ތައިލެންޑަށް، ކޭމްޕުން ޓީމްގެ އޮތް ހިސާބު ދެނެގަނެވޭނެ - ކޯޗު


ތައިލެންޑް ކޭންޕްގެ ސަބަބުން މިހާރު ކުޅުންތެރިން ތިބި ހިސާބު ވަރަށް ރަނގަޅަށް ދެނެގަނެވޭނެކަމަށް ޤައުމީ ވޮލީ ކޯޗު މުހައްމަދު ސާޖިދު ބުނެފިއެވެ. ކޯޗު މިހެން ބުނީ އޭޝިޔަން ގޭމްސްއަށް ތައްޔާރުވުމަށް ތައިލެންޑްގައި ކޭމްޕްކުރަން ރޭ މާލެއިން ފުރުމުގެ ކުރިންނެވެ.

އޭޝިޔަން ގޭމްސްއަށް ދަނީ އެންމެފަހުން ބަނގަލަދޭޝްގައި އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައިވެސް ވާދަކުރި ޓީމެވެ. އޭޝިއަން ގޭމްސްގައި ދިވެހި ވޮލީ ޓީމްގެ އަމާޒަކީ ހޮންކްންގ ބަލިކުރުންކަމަށް ކޯޗު ސާޖިދު ބުންޏެވެ. ޤަތަރު އަދި އަވަށްޓެރި އިންޑިޔާ ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށާއި، އެދެ ޓީމާ ވާދަކުރާއިރު ރާއްޖެއިން ވިސްނާނީ ވީހާވެސް ސްކޯ ކުޑަކުރަންކަމަށް ކޯޗު ބުންޏެވެ. ޤަތަރާއި، އިންޑިޔާގެ ޓީމްތަކާ އެއްވަރު ނުވިއަސް ތައިލެންޑަކީވެސް މިސަރަހައްދުގައި ވަރުގަދަ ޤައުމެއްކަން ފާހަގަކުރަމުން ކުރީގެ ކެޕްޓަން ބުނީ ތައިލެންޑް ކޭމްޕުން ކުރިއެރުން ހޯދޭނެކަމަށެވެ.

"ތައިލެންޑް ޓީމްތަކަކީ ވަރަށް ވަރުގަދަ ޓީމްތަކެއް. އެޤައުމުގެ ކޮލެޖް ޓީމްތަކާ، ޔުނިވަރސިޓީ އަދި ބައެއް ކުލަބްތަކާ އެކުވެސް މެޗުތަކެއް ކުޅުމަށްވަނީ ހަމަޖެހިފަ. މިޓީމްތަކަކީވެސް މޮޅު ޓީމްތަކެއް. މިސަރަހައްދުގައި ވޮލީ ކޭންޕް ކުރުމަށް އެންމެ ރަނގަޅު އެއް ޤައުމަކީ ހަމަ ތައިލެންޑް. މިކޭންޕަކީ ގޭމްސްއަށް ވުރެ ބޮޑަށް މިއަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ކުރާ ކޭންޕެއް." ކޯޗު ސާޖިދު ބުންޏެވެ.

ޤައުމީ ވޮލީ ކޯޗު މުހައްމަދު ސާޖިދު ބުނީ މީގެ ކުރިންވެސް ރާއްޖެއިން ވާނީ ހޮންކޮންގްއާ އެކު ވަރަށް ރަނގަޅު ވާދައެއްކޮށްފައިކަމަށެވެ. މިމަހުގެ 18 ވަނަ ދުވަހު އިންޑޮނޭޝިޔާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިޔަންގޭމްސްގައި އިންޑޯ ވޮލީގެ އިތުރުން ބީޗް ވޮލީގައިވެސް ރާއްޖެއިން ވާދަކުރާނެއެވެ.
ބީޗް ވޮލީ ޓީމްގައި ހިމެނެނީ މުހައްމަދު އަހުމަދާއި އަޝްފާގް އާދަމްގެ ޕެއަރ އަދި ޝިޢުނާޒް އާއި އިސްމާޢީލް ސާޖިދުގެ ޕެއަރއެވެ.

އޭޝިއަން ގޭމްސް އޮންނާނީ އޮގަސްޓް 18 ން ސެޕްޓެމްބަރު 2 އަށެވެ.