ކުޅިވަރު

ސާފް ސުޒުކީ ކަޕަށް ތައްޔާރުވާން ކުޅުނު ފުރަތަމަ މެޗުން ދިވެހި ޓީމް މޮޅު


ޤަޠަރުގެ އަލް މަޙްރިއްޔާ ސްޕޯރޓްސް ކުލަބްގެ މައްޗަށް ކުރި ހޯދައިގެން، ރާއްޖޭގެ ޤައުމީ ޓީމް ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ކުޅުނު ފުރަތަމަ މެޗު ޤަޠަރުގެ ދެވަނަ ޑިވިޝަންގެ ޓީމާ ވާދަކޮށް ދިވެހި ޓީމް ކާމިޔާބުކުރީ 4-3 ލަނޑުންނެވެ. ޤަތަރުގެ 2016 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމާ ދެކޮޅަށް ރާއްޖެއިން ވަނީ މޮޅަށް ކުޅެފައެވެ. މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައްވެސް އުފެއްދީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނެވެ. ރާއްޖޭގެ ޓީމް މެޗު ކާމިޔާބުކުރީ ޤަޠަރު ޓީމުން ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށެވެ. އެޓީމުން ލަނޑުޖެހީ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިފެންޑަރު އަލީ ސަމޫޙުއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗު ފަށައިގެން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހަމްޒާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. އަދި އޭރިޔާ ތެރޭގައި ހުރެ ނާއިޒު ހަސަން ހަސަން ފޮނުވާލި ބޯޅަ ނާކާމިޔާބުވީ ކީޕަރު ފައިގަ ޖެހިފަ ބޭރަށް ދިއުމުންނެވެ. މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދެވެ. އޭނާއަށް ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ނާއިޒު ހަސަންއެވެ. ނާއިޒު ފުރުޞަތު ތަނަވަސްކޮށްދިނީ އޭނާ އޮފްސައިޑްކަމަށް ބަލާ، އަލް މަޙްރިއްޔާ ސްޕޯރޓްސް ކުލަބްގެ ކުޅުންތެރިން ނާއިޒް ދޫކޮށްލާފައި އޮތުމުން ލިބުނު ފުރުޞަތެއްގައެވެ. ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅުނު މިމެޗުގައި ރާއްޖެއިން ޖެހި ދެވަނަ ލަނޑަކީވެސް ނާއިޒް ހަސަންގެ ބުރަ މަސައްކަތުން ކާމިޔާބުކުރި ލަނޑެކެވެ. އަލް މަޙްރިއްޔާ ސްޕޯރޓްސް ކުލަބް ދެ ކުޅުންތެރިން ނައްޓާލުމަށްފަހު، އޭރިޔާ ތެރެއަށްވަދެ ހުސްކޮށްހުރި އިބްރާހީމް މަހުދީއަށް ޖައްސާލުމުން މަހުދީ ވަނީ ގޯހެއް ނަހަދާ ބޯޅަ ގޯލަށް ފޮނުވާލާފައެވެ. ތިންވަނަ ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަންގެ ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އާރިފް (ބަކާ)އެވެ. ތަޖުރިބާގެ ބޭނުންކޮށް ބަކާ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ކީޕަރުގެ ބޯމަތިންނެވެ. މެޗުގެ ފުރަތަމަ ހާފް ރާއްޖެ ނިންމާލާފައިވަނީ 3-1 ނެވެ.

މެޗުގެ ދެވަނަ ހާފްގައި ރާއްޖޭގެ ޓީމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގައި މޮޅު ކުޅުމެއްދެއްކި ހަސަން ނާއިޒް (ދާދު)އެވެ. ދެވަނަ ހާފްގައި އަލް މަޙްރިއްޔާ ސްޕޯރޓްސް ކުލަބުން ވަނީ އިތުރު ދެ ލަނޑު ޖާހާ ފަރަޤު ކުޑަކޮށްފައެވެ.
ޤަޠަރުގެ އަލް މަޙްރިއްޔާ ސްޕޯރޓްސް ކުލަބަކީ 2016 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަން ޓީމެވެ. ރާއްޖޭގެ ޤައުމީ ސީނިއަރ ޓީމް ވަނީ މިދިޔަ އަހަރު ޤަތަރުގެ ސްޓަރ ލީގުގެ ކްލަބެއްކަމަށްވާ އަލް ދުހެޢިލްއާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުން ބަލިވެފައެވެ.