އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް 4-2 ން ބަލިކޮށް، ޔޫރަޕިއަން ސުޕަ ކަޕް އެތްލެޓިކޯ މެޑްރިޑް ރޭ ކާމިޔާބުކޮށްފިއެވެ.
ޔޫރަޕުގެ ދެ ޗެމްޕިއަނުން ވާދަކުރި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ އެތްލެޓިކޯ މެޑްރިޑްގެ ޑިއެގޯ ކޮސްޓާއެވެ. މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑުން ވަނީ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ކަރީމް ބެންޒެމާ ޖެހި ގޯލުތަކާއެކު ކުރި ހޯދާފައެވެ. ނަމަވެސް 79 ވަނަ މިނިޓްގައި އެތްލެޓިކޯއަށް ޑިއެގޯ ކޯސްޓާ ދެވަނަ ގޯލެއް ކާމިޔާބުކޮށްދީ މެޗު އިތުރު ވަގުތަށް ދިގު ދަންމާލި އެވެ.
ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެ ހާފުގައި އެތްކެޓިކޯ މޮޅުކޮށްދިނީ ސައުލް އާއި ކޯކޭ ޖެހި ލަނޑުތަކުންނެވެ.
މިއީ މިދިޔަ ތިން އަހަރުގެ ކޯޗު ޒައިނުއްދީން ޒިދާނާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ރެއާލް ކުޅުނު ފުރަތަމަ މެޗެވެ. ޒިދާން އިސްތިއުފާ ދިނުމުން ޓީމާ ހަވާލުވީ ސްޕޭނުގެ ކުރީގެ ކޯޗު ހޫލިއަން ލެޕޮޓީގުއެވެ.
މިއީ އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އޭނާގެ ކޯޗުކަމުގައި މިދިޔަ ހަތަރު އަހަރު ވެސް ޗެމްޕިއަންސް ލީގުން އެތްލެޓިކޯ ކެޓީ ރެއާލް އަތުން ބަލިވެގެންނެވެ. މީގެ ތެރޭގައި ދެ ފައިނަލް މެޗު ވެސް ހިމެނެއެވެ.