ޚަބަރު

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި 15 މެގަ ވޮޓްގެ ޕަވަރ ސްޓޭޝަނެއް ޤާއިމްކުރަނީ


މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ފަނަރަ މެގަ ވޮޓްގެ ޕަވަރ ސްޓޭޝަނެއް ޤާއިމްކުރުމަށް ޕްލޭން ކޮށްފައިވާކަމަށް ގްރޭޓަރ މާލޭ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މިހާރު ކުރިއަށްދަނީ މިޕްރޮޖެކްޓް ބިޑަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމްކުރާ ޕަވަރ ސްޓޭޝަނުން ކަރަންޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ތަރައްޤީކުރާ އިމާރާތައްތަކަށާއި މާލޭގެ ދެކުނުގައި ތަރައްޤީކުރާ ޓަވަރު ތަކަށްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އާބާދީއާއި ވަސީލަތްތައް އިތުރު ވުމާއެކު މާލޭގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާއިރު އެ ޑިމާންޑާއެއްވަރުގެ ޚިދުމަތެއް ދިނުމަށް އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށެވެ. އެގޮތުން މި ޕަވަރ ސްޓޭޝަނަކީވެސް މި މަސައްކަތުގެ ދަށުން ޤާއިމްކުރެވޭ ތަނެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިޕްރޮޖެކްޓާއެކު ތިލަފުށީގައި ދުއިސައްތަ މެގަ ވޮޓްގެ ޕަވަރސްޓޭޝަނެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. މި ޕަވަރސްޓޭޝަނަކީ ގްރޭޓަރ މާލޭ ސަރަޙައްދުގައި ސްޓެލްކޯއިން ކުރިއަށް ގެންދާ ކަރަންޓުގެ އެންމެ ބިޔަ މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.