ޚަބަރު

އަފްޣާނިސްތާނުގެ އައި.އެސް ލީޑަރު މަރާލައިފި


އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތުގެ އިސްވެރިޔާ އަބޫ ސާދް އަރްހާބީ މަރާލާފައިވާކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ބުނެފިއެވެ.

އަފްޣާނިސްތާނުގެ ޤައުމީ ސަލާމަތާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ މަރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އަފްޣާނިސްތާނުގެ ނަންގަހާރް ޕްރޮވިންސްގައި އައި.އެސްގެ ހަނގުރާމަވެރިންގެ ފިލައިގެން ތިބި ސަރަހައްދަކަށް ދިން ވަރުގަދަ ހަމަލާތަކުގައި ކަމަށެވެ. އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ބޭރުގެ އަސްކަރީ ފައުޖުތަކުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެއްގަމު މަގުންނާ ވައިގެ މަގުން އައި.އެސްގެ ހަނގުރާމަވެރިންނަށް ހަމަލާތައް ދީފައިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ހަމަލާތަކުގައި އަރްހާބީގެ އިތުރުން އައި.އެސްއަށް ނިސްބަތްވާ ދިހަ ހަނގުރާމަވެރިން މަރުވެފައިވާކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. މި އޮޕަރޭޝަންގައި އައި.އެސް ޖަމާޢަތުގެ އަތުގައި ހުރި ބައެއް ހަތިޔާރުވެސް ނައްތާލާފައިވާ ކަމަށް އަފްޣާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އައި.އެސް ޖަމާޢަތުން މިކަމާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 2015 ވަނަ އަހަރުއްސުރެ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތުގެ ދެ ހާހެއްހާ ހަނގުރާމަވެރިން އެގައުމުގައި އެބަތިބި ކަމަށް އެމެރިކާއިން ބުނެއެވެ.

އައި.އެސް ހަނގުރާމަވެރިން ޖަމާޢަތުން ވަނީ އަފްޣާނިސްތާނުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީ އެތައް ބައެއްގެ ފުރާނަ ދުއްވާލާފައެވެ.