ކުޅިވަރު

ރެއާލްގެ ކީޕަރުން ރޮޓޭޓް ކުރަން ފަށަނީ


ރެއާލް މެޑްރިޑުގައި މޮޅު ދެ ގޯލްކީޕަރުން ތިބުމުން ދެ ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތުދޭން ކޯޗު ހޫލިއަން ލެޕޮޓީގުއި ނިންމައިފިއެވެ.
މި ގޮތުން ކުރިއަށްހުރި މެޗުތަކުގައި ދެ ކީޕަރުންނަށް ވެސް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމުގެ ޔަޤީންކަން ކޯޗު ވަނީ ދީފައެވެ.

"އަހަރުމެން ޓީމުގައި ތިބީ މޮޅު ކީޕަރުން. ބައެއް ކުޅުންތެރިން ޓީމާ ގުޅުނީ ވަރަށް ފަހުން. އެކަމަކު ހުރިހާ ކުޅުންތެރިންނަކީ ވެސް މޮޅު ކުޅުންތެރިން. ޗެމްޕިއަންސް ލީގުގައި އަހަރެންގެ ޗޮއިސް (ކުޅުވާނެ ކީޕަރު) ތަފާތު ވެދާނެ. ކީޕަރުންގެ މެދުގައި ވާދަވެރިކަން އޮތުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސްޕޭނުގެ ޤައުމީ ޓީމު ދޫކޮށް މި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

ރެއާލް މެޑްރިޑުގެ މިދިޔަ ތިން ސީޒަނުގެ އެއްވަނަ ކީޕަރަކީ ކޮސްޓަރިކާގެ ޤައުމީ ކީޕަރު ކޭލާ ނަވާސްއެވެ. އޭނާ ވަނީ މިދިޔަ ތިން އަހަރު ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް މޮޅަށް ކުޅެފައެވެ. ނަވާސް ހުއްޓައި މި ސީޒަނަށް ޓީމަށް ގެނެސްފައިވަނީ ޗެލްސީއަށް ކުޅެމުން އައި ބެލްޖިއަމްގެ ޤައުމީ ކީޕަރު ތިބައޫ ކޯޓުއާއެވެ. ޒުވާން މި ކީޕަރަކީ މިދިޔަ ޖުލައި މަހު ނިމުނު ވަރލްޑް ކަޕުގެ އެންމެ މޮޅު ކީޕަރެވެ. އޭނާ ވަނީ ކުރިން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށް ވެސް ކުޅެފައެވެ.

"ކޯޓުއާ އަކީ ކުރިމަގު އޮތް ޒުވާން މޮޅު ކީޕަރެއް. އޭނާގެ ފެންވަރު ފެނުނީ ވަރލްޑް ކަޕުން އެކަންޏެއްނޫން. އޭނާ އަކީ ޗެމްޕިއަނެއް. ދެން އަހަރުމެން ޓީމުގައި ހުރީ އެފަދަ ދެވަނައެއްނެތް ޗެމްޕިއަނެއް. ކޭލާ ނަވާސް އަށް މިކުލަބުގައި އަބަދުވެސް ލެޖެންޑެއްގެ ޝަރަފު އޮންނާނެ،" ކޯޗު ބުންޏެވެ.
މިދެ ކީޕަރުން ކުރެ މިހާތަނަށް ކޯޗު ފުރުސަތު ދެމުން އައިސްފައިވަނީ ނަވާސް އަށެވެ.