އިންޑިއާގެ އިދިކޮޅު މާއޮއިސްޓް ހަނގުރާމަވެރިންނާ ގުޅުންހުރިކަމަށް ބުނެ އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ އިންޑިއާގެ ފަސް އެކްޓިވިސްޓުން ގޭ ބަންދަށް ބަދަލުކުރުމަށް އެ ޤައުމުގެ ސުޕްރީމްކޯޓުން ޢަމުރުކޮށްފިއެވެ. އިންޑިއާގެ ފަސް އެކްޓިވިސްޓުން ހައްޔަރުކުރި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ފުލުހުންނަށް ފާޑުކިއުން އަމާޒުކޮށްފައެވެ.
އިންޑިއާގެ ފުލުހުން އެ ޤައުމުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަސް އެކްޓިވިސްޓުން ހައްޔަރުކޮށްފައިވަނީ މިހަފުތާގެ އަންގާރަ ދުވަހުއެވެ. މި ފަސް މީހުން ހައްޔަރުކުރުމަށްފަހު އިންޑިއާގެ ފުލުހުން ވަނީ އެމީހުންގެ ގެދޮރު ފާސްކޮށް، އެމީހުންގެ ލެޕްޓޮޕް އަދި ފޯނު ފަދަ ތަކެތި އަތުލާފައެވެ.
އިންޑިއާގެ ފުލުހުން ބުނެފައިވަނީ މި ފަސް އެކްޓިވިސްޓުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ސަލާމަތީ ބާރުތަކާ ހަނގުރާމަކުރަމުންދާ މާއޮއިސްޓް ހަނގުރާމަވެރިންނާ ގުޅުން އޮންނާތީ ކަމަށެވެ. މީގެ އިތުރުން، ފުލުހުން ބުނެފައިވަނީ މި ފަސް އެކްޓިވިސްޓުން ވަނީ އިންޑިއާގެ ހުޅަނގުގައި މިދިޔަ އަހަރު ބޭއްވި އެއްވުމެއްގައި، ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި ތަޤުޤީރުތަކެއް ދީފައިކަމަށެވެ.
މި ފަސް މީހުންގެ ވާހަކަތަކުގެ ސަބަބުން އެ ސަރަހައްދުގައި މިދިޔަ އަހަރު ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި ކަމަށާއި، އެ ހަމަނުޖެހުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އިންޑިއާ ފުލުހުންގެ މި އަމަލުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވި އިރު، އިންޑިއާގެ ސުޕްރީމް ކޯޓުން މިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މި ފަސް މީހުން ގޭބަންދަށް މިނިވަންކުރުމަށް ޢަމުރުކޮށްފައެވެ. އަދި އަންނަ ހަފުތާގައި މި އެކްސްޓިވިސްޓުންގެ މައްސަލަތައް ކޯޓުން ބަލަންދެން މި މީހުން ތިބޭނީ ގޭ ބަންދުގައި ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
މި ފަސް އެކްޓިވިސްޓުން މިނިވަންކުރުމަށް ގޮވާލާ ބުދަ ދުވަހު އިންޑިއާގައި މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ. އެ މައްސަލައާ ގުޅިގެން އަނެއްކާވެސް މި ދަނީ، ބޮޑު ވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުވަމުންނެވެ.
އިދިކޮޅު ގިނަ ފަރާތްތަކުން ބުނަމުންދަނީ މި ފަސް އެކްޓިވިސްޓުން ހައްޔަރުކުރުމަކީ އިންޑިއާގެ ސަރުކާރާ ދެކޮޅަށް އެކި ޕޯޑިއަމްތަކުގައި ނުވަތަ އެކި ގޮތްގޮތުން ވާހަކަދައްކާ އަދި އަޑު އުފުލާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ސިލްސިލާ ގޮތެއްގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމަށެވެ. ވެރިކަން ކުރާ ބީ.ޖޭ.ޕީއާ ދެކޮޅަށް ކުރަމުންދާ މި ތުހުމަތުތަކުގެ ރައްދުގައި އެ ޕާޓީން ދޮގުކުރެއެވެ.
އަދި މުޖުތަމަޢުގެ ވަކި ބައެއް ހިތްހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުންދަނީ ގައުމީ ސަލާމަތް ރައްކާތެރި ކުރުމަށް ކަމަށް ބީޖޭޕީން ބުނެއެވެ.