ޚަބަރު

ހުޅުމާލޭގެ ވިޔަފާރިތަކަށް ބްރިޖްގެ ސަބަބުން ބޮޑެތި ފައިދާތަކެއް


ހުޅުމާލޭ އަކީ ޒުވާނުންގެ ޝަހަރުގެ އިތުރުން މާލެގައި ދިރިއުޅޭ މީހުންނަށް ވަރަށްވެސް މުހިއްމު މަންޒިލެކެވެ. ސަބަބުތައް ވަރަށްވެސް ބައިވަރެވެ.

ހުޅުމާލެއަކީ ސަރުކާރުން ޙާއްސަ އިސްކަމެއް ދީގެން ތަރައްޤީކުރަމުންދާ މާލޭގެ އެއް އަވަށެވެ. ހުޅުމާލޭގެ އާބާދީ ފަންސާސް ހާހާއި ގާތްކުރާއިރު އެކި މުނާސަބަތުތަކާއި ގުޅިގެން ހުޅުމާލެއަށް ދާމީހުންގެ ޢަދަދު އިތުރުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަފްތާ ބަންދުތަކާއި ޢީދު ބަންދުގައި ހުޅުމާލޭ ފެރީއަށް ބާރުބޮޑުވާ މިންވަރަކީ ޙައިރާން ވާވަރުގެ ކަމެކެވެ.

ހަވީރު ހުޅުމާލެއަށް ދާން ބޭނުންވާ މީހުން ހުކުރު ދުވަހުގެ މެންދުރުފަސްވުމުގެ ކުރިން ފެރީއަށް ދިއުމަށް ވާތައްޔާރީތަކަކީ މާލޭގައި ދިރިއުޅޭ މީހުންނަށް އާކަމަކަށް ނުވާނެ. އަދި ސައިކަލުގައި ދާ ފަރާތްތަކަށް މިއީ އަދި ވަކިން ވޭން ބޮޑުކަމެކެވެ. ސައިކަލުތަކުގައި ދާ ފަރާތްތަކުން ކިއުއަށް އެހެން މީހުނަށް ވުރެ ކުރިން އަރައޭ ދެންނެވިޔަސް ދޮގަކަށްނުވާނެއެވެ. މި ހާލުން ހުޅުމާލެއަށް ދާންކުރާ މަސައްކަތުގައި ބައެއްފަހަރު ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސައިކަލުތައް މޫދައްވެއްޓުމާއި ފެރީއަށް އަރާ ފިލާގަނޑު ކައްސާލައިގެން ގޮސް ސައިކަލުގެ އިންޖީނު ތޮށިގަނޑުގައި ޖެހި ފަޅައިގެން ދިޔުމުގެ ހާދިސާތައްވަނީ ހިންގާފައެވެ. ފެރީތައް ތޮށިގަނޑާއި ކައިރި ކުރުމުގައިވެސްވަނީ އެތައް ހިތާމަވެސް ހާދިސާތަކެއް ހިންގާފައިކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލެއަށް ހަފްތާ ބަންދުގައި ދާ މީހުންގެ ޑިމާންޑް ބޮޑުވަނީ ހަމައެކަނި ހުޅުމާލޭގެ ކުލީކޮޓަރިތަކާއި އެތަނުގެ ގެސްޓްހައުސްތަކަށް އެކަންޏެއް ނޫނެވެ. ހުޅުމާލޭގެ ވިޔަފާރިތަކަށާއި ކެފޭ ރެސްޓޯރެންޓްތަކަށްވެސް މި ފޯރިއަރައެވެ. އަދި ވިޔަފާރިތަކުގެ ސޭލްސްވެސް ރަނގަޅުވާކަން ފާހަގަކުރެވެއެވެ.

މިހާލުގައި ދިވެހިން ހުޅުމާލެއަށް ދަތުރުބަދެގެން ދާދިއުމަށް މިއަދު މިވަނީ ބޮޑު އިންގިލާބެއް އަސްފައެވެ. ޗުއްޓީ ހޭދަކޮށްލުމަށް މިހާރު މާލޭގައި ދިރިއުޅޭ ފަރާތްތަކުން ހުޅުމާލެއަސް ގަނަތެޅިގެން ދާކަށް ނުޖެހޭނެއެވެ.

އޮގަސްޓް މަހުގެ ތިރީސްވަނަ ދުވަހު ހުޅުވުނު ސިނަމާލެ ބްރިޖަކީ މި އުނދަގުލާއި ދިމާވި އެތައް ފަރާތްތަކަކަށް ލިބިގެންދިޔަ ބޮޑު އުއްމީދެކެވެ. އެތައް ޙާލެއްގައި ތެޅިގެން ޗުއްޓީ ހޭދަކޮށްލަން ދިޔަ ދިޔުން މިވަނީ ނިމުމަކަށް އައިސްފައެވެ. ފަސޭހަކަމާއެކު ދެވޭނެ ފާލަމަކަށް މިބްރިޖްވަނީ ވެފައެވެ. މީގެ ސަބަބުން ހުޅުމާލެއަށް ދާ މީހުންގެ ޢަދަދު އެތައްގުނައެއް މިވަނީ އިތުރުވެފައެވެ.

ހުޅުވިގެންދިޔަ ސިނަމާލެ ބްރިޖާއެކު ހުޅުމާލެއަށް ދާ މީހުންގެ ޢަދަދު އެތައް ގުނައެއް އިތުރުވެފައިވާއިރު މީގެ ސީދާ އަސަރު ހުޅުމާލޭގެ ވިޔަފާރިތަކަށް ކުރެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ހުޅުމާލޭގައި ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ބުނީ ބްރިޖް ހުޅުވުނު ދުވަހުން ފެށިގެން ކެފޭ ރެސްޓޯރެންޓްތަކަށް ވަރަށް ބާރުބޮޑުވެފައިވާކަމަށެވެ.

ހުޅުމާލެއަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާއިރު ހުޅުމާލެއަށް ދިޔުމަށް މެދުވެރިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ހުޅުމާލެއާއި މާލެއާއި ދެމެދު އޮތް ކަނޑެވެ. ބްރިޖްގެ ސަބަބުން މިއަދު ކަނޑު ހުރަސްކޮށް ހުޅުމާލެއަށް ނުގޮސް ތިބި އެތައް ބަޔަކަށް އެފުރުޞަތުމިވަނީ ފަހިވެފައެވެ.